06 Sep 2020, 15:24
ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
އޭނާއަށް ރުހުން ދިނުމަށް ފާސްކޮށްފައި މިވަނީ އެ މައްސަލަ ދެ ފަހަރެއްގެ މަތިން މަޖިލީހަށް ފޮނުވުމަށްފަހުއެވެ.
މައުސޫމް މަގާމަށް އައަޔަން ކުރުމަށް ރުހުން ދެން ފާސްވީ 69 ވޯޓުންނެވެ.
ދެވަނަ ފަހަރަށް މަޖިލީހަށް ފޮނުވީ، އޭނާ ފުރަތަމަ މަގާމުގެ ހުވާކުރެއްވިއިރު އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ވަކި ނުވެ ހުންނެވި މައްސަލައިގައި، އޭނާ ކުރެއްވި ހުވާގެ ސައްހަކަމާމެދު މަޖިލިސް މެމްބަރުން ސުވާލު އުފައްދާފައިވަނިކޮށެވެ.
ދެވަނަ ފަހަރަށް އޭނާއަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވެވީ، އަލުން މައުސޫމު މަގާމުގެ ހުވާ ކުރެއްވުމަށްފަހު، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.
އޭނާއަށް ރުހުން ދޭން ފޮނުވިއިރު، މަޖިލިސްގެ މި ދައުރުގެ ފަހު ޖަލްސާ އެންމެ ކުރިން ތާވަލް ކުރީ މިދިޔަ ހަފްތާފެ ހޯމަ ދުވަހަށެވެ. އެހެން ނަމަވެސް އެ ދުވަހުން އެދުވަހަށް އޭނާއަށް ރުހުން ދިނުމަށް އެ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް މަޖިލިސް ގަވައިދު ތަން ނުދޭތީ މެމްބަރުން ނިންމީ މަޖިލިސްގެ މި ދައުރު ދިގު ކުރުމަށެވެ.
މަޖިލިސް ގަވައިދުގައި ބުނާ ގޮތުން ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލައިގައި މަދުވެގެން ތިން ދުވަސް ދޭން ޖެހޭނެއެވެ. އެއާކު މިދިޔަ ހޯމަ ދުވަހު މަޖިލިސް އިން ނިންމީ މިއަދަށް މަޖިލިސްގެ މި ދައުރު ދިގު ކުރުމަށެވެ.
މަޖިލިސް މި ދައުރުގައި ޖުމްލަ 37 ޖަލްސާ ބޭއްވުނުއިރު، 21 ބިލު ވަނީ ފާސްކޮށްފައެވެ.
މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މި ދައުރުގައި 68 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މަޖިލިސް ގަވައިދުގާވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.
މަސް ދުވަހުގެ ޗުއްޓީއަށްފަހު މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފެށޭނީ އޮކްޓޫބަރު މަހުގައެވެ.