ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުމާއި މަސް އައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ފަދަަ ވައިގެ އުޅަނދެއް ބޭނުންކުރުން މަނާކޮށް، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު އާންމުކޮށް، އަމަލުކުރަން ފަށައިފި އެވެ.

މިހާރު ގެޒެޓުކޮށްފައިވާ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ބުނެފައި ވަނީ ގައުމީގޮތުން ނުވަތަ ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ސެޓުފިކެޓު ނެތް މީހަކު އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުމަކީ ކެޔޮޅު ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި މަސްވެރިކަމުގެ ހަރަކާތެއްގައި ފީނާ މީހުންނަކީ ފީނުމުގެ އެފަދަ ހަރަކާތެއް ހިންގޭނެ ފަދަ ހާލަތެއްގައި ހުރި މީހެއްކަން ވެސް ކެޔޮޅު ކަށަވަރުކުރުން ވަނީ ލާޒިމުކޮށްފަ އެވެ.

ގަވާއިދުގައި މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު ކުރުމުގެ ސަބަބުން، ފީނާ މީހާއަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ، އެ މައްސަލައިގައި ޖިނާއީ ތަހުގީގު ކޮށްދިނުމަށް އެދި މިނިސްޓްރީގެ ފަރާތުން، ފުލުހުންނަށް މައްސަލަ ފޮނުވަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ފީނުމުގެ ހަރަކާތެއްގައި، އެކަމުގެ ސެޓުފިކެޓެއް ނެތި ހަރަކާތްތެރިވެއްޖެ ނަމަ، 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.

ފީނުމުގެ ސެޓުފިކެޓެއް ލިބިފައި ނެތް ފަރާތެއް، ފީނުމުގެ ހަރަކާތެއްގައި ބައިވެރިވެރިކުރުވައިފި ނަމަ، ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ނަމަ 5000 ރުފިޔާއިން އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

މަސްވެރިކަން ކުރުމަށް މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެ ކަމަށް ރައްކާތެރި އާލާތްކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ގަވާއިދުން ސާވިސްކޮށް ބެލެހެއްޓުމަކީ އޮޑިވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށް ގަވާއިދުގައި ވެއެވެ.

މަސްވެރިކަމުގެ ބޭނުމަށް ފީނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް
ރައްކައުތެރި ނޫން އަދި ގަވާއިދުން ސާވިސްކޮށްފައި ނުވާ އާލާތަކަށް ވާނަމަ، ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ނަމަ 5000 ރުފިޔާ އަދި މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ވެސް ގަވާއިދުގައި ވަނީ މަނާކޮށްފަ އެވެ. އަދި ވައިގެ އުޅަނދެއް ބޭނުންކޮށްފި ނަމަ، ފުރަތަމަ ފަހަރު 2،500 ރުފިޔާއިން އެ އުޅަނދެއް ޖޫރިމަނާ ކުރެވޭނެ އެވެ.

ތަކުރާރުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 ރުފިޔާ އިތުރުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ޖޫރިމަނާ އިތުރު ކުރެވޭނީ 5000 ރުފިޔާ އާ ހަމައަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ދައުލަތުގެ ފަރާތުން އެކިއެކި ތަހުލީލުތައް ކުރުމަށް ހިންގާ ހަރަކާތްތަކާއި، އެހެނިހެން ފަރާތްތަކުން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިންގާ އެކިއެކި ތަހުލީލުތައް ކުރުމުގެ ހަރަކާތްތައް މި ގަވާއިދުން އިސްތިސްނާވާނެ އެވެ.