ތެލަސީމިއާ ކުދިންނަށް ދޭންޖެހޭ ހުރިހާ ފަރުވާއެއް އާސަންދައިގެ ތެރޭގައި ހިމަނައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް އެމަނިކުފާނު ތަސްދީގު ނުކުރައްވާ އަލުން މަޖިލީހަށް ފޮނުވާލެއްވުމުން ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، ހިތްހަމަނުޖެހުންތައް ފާޅު ކުރަމުންދާ ކަމަށާއި ސަރުކާރުން މިހާރު ނިންމާފައިވަނީ އާސަންދަ އިންޝުއަރެންސްގެ ތެރޭގައި، ތެލަސީމިއާ ކުދިންގެ ހުރިހާ ފަރުވާއެއް ކަވަރުކޮށް ދިނުމަށް ކަމަށެވެ.

"އޭރުން މިހާރުއްސުރެ ފެށިގެން ތެލަސީމިއާ ކުދިންގެ މައިންބަފައިންނަށް ވެސް، އެކުދިންނަށް ބޭނުންވާ ވަކި ޚާއްޞަ ފަރުވާ ހޯދުމުގައި ކުރަންޖެހޭ އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ. ހުރިހާ ކަމަކީ އާސަންދަ އިންޝުއަރެންސްގެ ތެރޭގައި ހިމެނިގެންދާނެ ކަމަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ބިލް ފަރުމާވެފައި އޮތީ ހަމައެކަނި ތެލަސީމިއާ ކުދިންނަށް ފަރުވާ ހޯދައިދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި މިހާރު އާސަންދަގެ އިންޝުއަރެންސްގެ ކަވަރޭޖްގައި ތެލަސީމިއާ ކުދިން ހިމެނުމުން، އެކުދިންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެ ކަމަށެވެ.
~
"އެކަމަށް ހިނގާ ޚަރަދުތައް ވެސް އިންޝުއަރެންސްގެ އުޞޫލުގެ ތެރެއިން ހަމަޖެހިގެންދާނެ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، އެކަމުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ ހާސްކަމެއް އޮތުމުގެ މާނައެއް ނެތް. އިރާދަކުރެއްވިއްޔާ، އެކުދިންގެ ހުރިހާ ކަމެއްވެސް ސަރުކާރުން ދާނީ ބަލަހައްޓަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޞިއްޙީ ފަރުވާ ދިނުމާއި ހިދުމަތް ދިނުމަކީ، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ތެރެއިން ދެވޭގޮތަށް އިންތިޒާމު ކުރެވިފައި ނިޒާމެއް ކަމަށާއި އާސަންދަ ފަށައިގަތްއިރު، އެ އިންޝުއަރެންސް ޕްރޮގްރާމްގެ ކަވަރޭޖްގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ވަކި ޚާއްޞަ ކަންތައްތައް، އޭގައި ހިމެނިފައިނުވެ އޮތްކަމުން، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޚިދްމަތްތައް ހޯދުމުގައި، އިންޝުއަރެންސްގެ އުޞޫލުން ނުވަތަ ޚަރަދުތައް ފޫބައްދައިދިނުމުގައި، އެ އިންޝުއަރެންސްގެ ސްކީމް ބޭނުންކޮށްގެން، އެކަން ކުރުމަށް ދަތިތަކަކާ ކުރިމަތިވީ ކަމަށެވެ.
ރައީސް މި ގޮތަށް ނިންމެވި އިރު ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަޞްދީގު ނުކުރައްވައި އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަނބުރާ ފޮނުއްވާލުމާ ގުޅިގެން ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ..

ރާއްޖޭގައި މިހާރު ޖުމްލަ 530 އަށް ވުރެ ގިނަ ކުދިން ތެލެސީމިއާ ކުދިންގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވެ އެވެ. އޭގެތެރެ އިން 240 އަށް ވުރެ ގިނަ ކުދިންނަކީ އަތޮޅުތަކުގައި އުޅޭ ކުދިންނެވެ.

ރައީސްގެ ތަގުރީރުގައި ސަރުކާރާ ގުޅޭގޮތުން ދޮގު ވާހަކަ ދައްކަމުން ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ކުރައްވާ އަނެއްކާވެސް ހަނދާން ކޮށްދެއްވި އެވެ.

ވިދާޅުވީ ސަރުކާރާ ގުޅޭގޮތުން ކިޔާ ހުރިހާ ފާޑަކަށް ފިޔަވަޅު އަޅަން ނުވިސްނާ ކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލޮޅުމެއް އަރުވާލާން ސަރުކާރުން ބޭނުންނުވާ ކަމަށެވެ.

"އެހެން ނަމަވެސް، ކަނޑައެޅިގެން ދޮގު ވާހަކަ، ސަރުކާރާ ގުޅޭގޮތުން ދައްކައި، ރައްޔިތުންނަށް އޮޅުވާލައި، ވަކިން ޚާއްޞަކޮށް، އެއީ ދިވެހިރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ދައްކާ ދޮގު ވާހަކަތައް، އެ އިލްޒާމުން ބަރީއަވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މި ސަރުކާރުގެ ވާޖިބެއް. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ދެކެން، އަޅުގަނޑު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް.،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އިތުރު ދީނެއް ގެނައުމުގެ ފިކުރަކީ، ދުވަހަކު ވެސް އެމަނިކުފާނާއި އެމްޑީޕީން އަދި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެމަނިކުފާނާއި ސަރުކާރާއި އެމްޑީޕީއާ ރައްޔިތުންނާ ދެމެދު ވިސްނުން ތަޣައްޔަރު ކުރުމަށް ކަނޑައެޅިގެން ބުހުތާނު ދޮގު ހަދާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރަލާއި އޫރު މަހުގެ މައްސަލައިގައި ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެ ކޯޓުން އިއްޔެ ނިންމާފައިވާތީ އެކަމުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމެވުމުން، މުޅި މައްސަލައަށް ސާފުކަމެއް ނުލިބުނު ކަމަށާއި ނަމަވެސް ބައެއް ކަންކަން ސާފުވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެހެން ދައުލަތެއްގެ މީހުންނާ މުޢާމަލާތް ކުރުން ޤާނޫނުއަސާސީ ހުރަސް ނޭޅުމާއި ޝަރީޢާ އާއި، ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން ޓޫރިސްޓުންނަށް ދެވޭ ޚިދްމަތްތަކަށް ހުރަސްނޭޅޭ ކަމާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެމުން އަންނަ ޚިދްމަތްތަކަށް ހުރަސް އަޅާ ޤާނޫނީ ސަބަބެއް ނެތްކަން، ސާފުވާ ކަމަށް ރައީސް ވިދާޅުވި އެވެ.