31 Aug 2020, 11:33
ޓެލްއަވީވް (އޮގަސްޓް 31) : ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށް އަރަބި އިސްލާމީ އިޖްމާޢުން ބޭރަށް ނުކުތް ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް އިސްރާއީލުގެ އިސް ވަފްދެއް ޒިޔާރަތް ކުރުމަށް ސައޫދީގެ ވައިގެ ސަރަހައްދު ދިނުމަށް އެގައުމުން އެއްބަސްވެއްޖެ އެވެ.
މިކަން ހާމަކުރަމުން އިސްރާއީލު ސަރުކާރުގެ މީޑިއާގެ ވަސީލަތެއް ކަމަށްވާ "ކާން އިލަވެން" ޓީވީން ބުނީ އިސްރާއީލުގެ ވަފްދު މިއަދު ޔޫއޭއީ އަށް ކުރާ ދަތުރުގައި ބޭނުންކުރާ އިސްރާއީލުގެ ގައުމީ އެއާލައިންސްގެ މަތިންދާބޯޓު ދާނީ ސައޫދީ އަރަބިޔާގެ މަތިންކަމަށާއި އެކަމަށް ސައޫދީ ސަރުކާރުން ހުއްދަ ދީފައިވާ ކަމުގަ އެވެ. ކުރިން ސައޫދީ އަކީ އިސްރާއީލުގެ މަތިންދާބޯޓުތައް އެގައުގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާކޮށްފައިވާ ގައުމެކެވެ. އަދި އިސްރާއީލަށް ސީދާގޮތެއްގައި ދަތުރުކުރާ އެހެން ގައުމުތަކުގެ މަތިންދާބޯޓުތައް ވެސް ސައޫދީ ވައިގެ ސަރަހައްދު ހުރަސްކުރުން ކުރިން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް މި ފަހަކަށް އައިސް ސައޫދީން އިސްރާއީލާ އެކު ހިންގާ ސިއްރު ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔައަހަރު ސައޫދީ ވަނީ އިސްރާއީލަށް ސީދާގޮތެއްގައި ދަތުރުކުރާ އެހެން ގައުމުތަކުގެ މަތިންދާބޯޓުތައް ސައޫދީ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދީފަ އެވެ. މި ފުރުސަތު އެންމެ ފުރަތަމަ ދިނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ބެންގޯރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން ފެށި އިންޑިއާގެ ގައުމީ އެއާލައިންސް އެއާއިންޑިއާގެ ބޯޓުތަކަށެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި ފަލަސްތީނުގެ ރައްޔިތުން މަރައި ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުމާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅަށް އިސްތިއުމާރީ އުސޫލުން އިސްރާއީލުން ހަނގުރާމަ ކުރަމުން ގެންދާތީ އަރަބި އިސްލާމީ ގައުމުތަކުންވަނީ އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ޝަރުތުތަކެއްކޮށް ފަލަސްތީނުގެ ހައްގުގައި ތާރީޚީ ނިންމުންތަކެއް ނިންމާފަ އެވެ.

އިސްރާއީލުގެ ގައުމީ އެއާލައިންސްގެ މަތިންދާ ބޯޓުތައް
މީގެތެރޭގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ އިން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފާބައި އިރުމަތީ ގުދްސު ހިމެނޭ ގޮތަށް ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުން ހިމެނެ އެވެ.
މިކަންކަން ކުރުމުގެ ކުރިން އިސްރާއީލާ އެއްވެސް ގުޅުމެއް ނުއުފެއްދުމާއި އިސްރާއީލު ބޮއިކަޓް ކުރުމާއި އިސްރާއީލަކީ ދުޝްމަނެއްގެ ގޮތުގައި ބެލުމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ ވެރިންގެ ސަމިޓްތަކުގެ އިޖްމާއުންވަނީ އެތައް ފަހަރަކު ނިންމައިފަ އެވެ.
ނަމަވެސް ގަލްފުގައިވާ ސައޫދީގެ އެންމެ ބޮޑު ބައިވެރިޔާ ޔޫއޭއީން ދާދިފަހުން ވަނީ މި އިޖްމާޢުން ބޭރުވެ ފަލަސްތީނުގެ މައްސަލައަށް ޚިޔާނާތްތެރިވެ އިސްރާއީލާ ގުޅުންތައް ގާއިމް ކުރަން ނިންމިކަން ރަސްމީކޮށް އިޢުލާނުކޮށްފަ އެވެ. ޔޫއޭއީގެ މިނިންމުމާ މެދު ދެހަފްތާވަންދެން ހިމޭނުން އޮތުމަށް ފަހު ސައޫދީ ޚާރިޖީ ވަޒީރުވަނީ ފަލަސްތީނުގެ މައްސަލާގައި އަރަބި އިސްލާމީ އިޖްމާއުން ބޭރުވެ އިސްރާއީލާ ގުޅުންތައް އުފައްދަން ސައޫދީ ބޭނުންނުވާކަމަށް ވިދާޅުވެފަ އެވެ. އަދި ސައޫދީން އިސްރާއީލާ ގުޅުންތައް ގާއިމް ކުރާނީ އިރުމަތީ ގުދްސު ހިމެނޭގޮތަށް ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުންކަން ވެސް ދެހަފްތާ ފަހުން ސައޫދީ ޚާރިޖީ ވަޒީރު ކަށަވަރުކޮށް ދެއްވި އެވެ.
ސައޫދީ ޚާރިޖީ ވަޒީރު މިހެން މިދާޅުވުމުން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީ ވެސް ވަނީ އިސްލާމީ ގައުމުތަކުން އިސްރާއީލާ މުއާމަލާތް ކުރަންޖެހޭނީ އިސްރާއީލުން ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައް އަނބުރައި ދިނުމުންކަމަށް ބުނެ ފަލަސްތީނުގެ މައްސަލާގައި އިސްލާމީ ގައުމުތަކުގެ އިޖްމާއުން ނިންމާފައިވާ ނިންމުން އަލުން ހަނދާން ކޮށްދީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައިވެސް ޔޫއޭއީން ފަލަސްތީނުގެ މައްސަލައަށް ޚިޔާނާތްތެރިވި މައްސަލަ އަށް އަލިއަޅުވާލާފައެއް ނުވެއެވެ. އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީ އަކީ އިސްރާއީލުން 1969 ވަނަ އަހަރު މާތްވެގެންވާ މަސްޖިދުލްއަގްސާގައި ހުޅުޖެހުމުން ގުދްސާއި މަސްޖިދުލްއަގްސާ ގެ ދިފާއުގަޢާއި ފަލަސްތީނުގެ މައްސަލައާއި ކަޝްމީރުގެ މައްސަފަދަ އިސްލާމީ މައްސަލަތަކުގެ ދިފާއުގައި ވަކާލާތު ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.
ނަމަވެސް ސައޫދީގައި މަރުކަޒު ހުންނަ އޯއައިސީ އޮންނަނީ ސައޫދީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ކަމަށް އިސްލާމީ އެތައްް ގައުމަކުން ތުހުމަތު ކުރެ އެވެ. އަދި އޯއައިސީއަކީ ސައޫދީ ގެ ސިޔާސާއެއްގޮތަށް ދީލާލާ ސައޫދީގެ ޕަޕެޓް ޖަމްއިއްޔާއެއްކަމަށް ކުރެވޭ ތުހުމަތުތަކުގެ އަޑުވަނީ ގަދަވެފަ އެވެ.
ދެހަފްތާ ފަހުން ޔޫއޭއީގެ މައްސަލާގައި ސައޫދީގެ ޚާރިޖީ ވަޒީރު ފަލަސްތީނުގެ ހައްގުތައް ދިފާއުކުރައްވައި ބަޔާނެއް ދެއްވީ އޯއައިސީގެ ބަދަލުގައި އިސްލާމީ ބައެއް ގައުމުތައް ގުޅިގެން އެހެން ޖަމްއިއްޔާ އެއް އުފެއްދުމުގެ މަސައްކަތް ކުރާނެކަމުގެ އިންޒާރު ބައެއް އިސްލާމީ ގައުމުތަކުން ސައޫދީ އަށް ދިނުމުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އިންޒާރު ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށް ދިން ގައުމުތަކުގެ އިސް ސަފުގައި ހިމެނެނީ ސައޫދީ އާ ވާދަވެރި ދެ ގައުމު ކަމަށްވާ އީރާނާއި ތުރުކީކަމަށްވެ އެވެ. އެދެގައުމު އިސްނަގައިގެން އިސްލާމީ ގައުމުތަކުގެ އައު ޖަމްއިއްޔާއެއް އުފައްދާ ނަމަ އިންޑޮނީޝިއާ، މެލޭޝިއާ، ޕާކިސްތާން، ސޫރިޔާ، މޮރޮކޯ އަދި ޓިއުނީޝިއާއާއި މެދުތެރޭ އޭޝިއާ އާއި އެފްރިކާގެ ބައެއް އިސްލާމީ ގައުމުތަކެއް އެ އައު ޖަމްއިއްޔާގައި ބައިވެރިވެދާނެކަމުގެ ބިރު ސައޫދީން އިހްސާސް ކުރުމަކީ ފަލަސްތީނުގެ ހައްގުތައް ދިފާއުކޮށް ސައޫދީއާއި އޯއައިސީން ބަޔާން ދޭން މަޖްބޫރުވި ސަބަބު ކަމަށް ވެސް ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ސައޫދީ އަކީ ޒަމާނުއްސުރެ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކޮށް ފަލަސްތީނަށް އެހީތެރިވަމުން ދިޔަ ގައުމެއް ނަމަވެސް މިފަހަކަށް އައިސް ސައޫދީގެ ސިޔާސަތަށާއި ސުލޫކަށް ވަނީ އެއާ މުޅިން ޚިލާފު ބަދަލުތަކެއް އައިސްފަ އެވެ. ސައޫދީގެ ސިޔާސަތަށް ގެނައި މި ބަދަލުތަކާ އެކު އިސްލާމީ ދުނިޔޭގައި ޒަމާނުއްސުރެ އޮންނަ ސައޫދީގެ ބާރާއި ނުފޫޒަށް މިހާރު ބޮޑެތި ލޮޅުންއަރައި ސައޫދީ އަށް އޮންނަ އިހްތިރާމު ގެއްލެމުންދާ ކަަމުގެ އިހުސާސް އެގައުމުން ވެސް ކުރާކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)