31 Aug 2020, 10:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ ހިއްސާ އަކަށް ޑިވިޑެންޑުގެ ގޮތުގައި 26 ރުފިޔާ ބަހަން ފާސް ކޮށްފި އެވެ. އެހެން ނަމަވެސް، އެ ޑިވިޑެންޑް ބަހާނީ އެމްއެމްއޭއިން ހުއްދަ ދީފި ނަމަ އެވެ.
އެމްއެސްޑީގެ ފަހިވޯޓު މެދުވެރިކޮށް މިއަދު ބެއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ އަކަށް 26 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 98 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ.
ބީއެމްއެލްގެ 2020 ވަނަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާ އެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރު ބީއެމްއެލްގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް ކޫޕާސް ކަނޑައަޅަން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސަގެ ޔައުމިއްޔާ އާއި އޮޑިޓަރުންނާއި ޑިރެކްޓަރުންގެ ރިޕޯޓު އަދި މާލީ ރިޕޯޓު ތައް ވަނީ ފާސްކޮށްފަ އެވެ.
އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައި ވަނީ، ކޮވިޑްގެ ހާލަތާ ގުޅިގެން ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރުކޮށްފާނެތީ ހިއްސާގެ ފައިދާ ބެހޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަމަށެވެ.