މަސްވެރިކަމުގެ ގާނޫނުގެ ހަދަން ޖެހޭ ހުރިހާ ގަަވައިދެއް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައި، އެ އޮފީހުން ގެޒެޓްކުރުމަށް ފޮނުވާފައިވާ ކަމަށާއި ގަވައިދުތައް ގެޒެޓް ކުރުން ލަސްވަނީ މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނުކޮށްގެން ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖު ގަވައިދުތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، 31 މެއި ގައި މަސްވެރިކަމުގެ ހުރިހާ ގަވައިދެއް ބަންޑާރަ ނައިބަށް ފޮނުވި ކަަމަށެވެ. އަދި މިދިޔަ މަހު 14 ވަނަ ދުވަހު އެ ގަވައިދުތައް ގެޒެޓް ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވައިވާފައިވާ ކަމަށް ޒަހާ ވިދާޅުވި އެވެ.

"މިހާރު އެ ކުރެވެމުންދާ މައްސަކަތަކީ އިދާރީ މަސައްކަތްތަކެއް ކަމުގައިވާތީ އޭއީ މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތަކެއް ނޫންކަމުގައި ދަންނަވަން،" ޒަހާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، މިހާތަނަށް ތިން ގަވައިދެއް ވަނީ ގެޒެޓްކުރެވިފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ދެ ގަވައިދެއް ގެޒެޓް ކުރެވުނު އިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެއް ގަވައިދު ގެޒެޓް ކުރެވިފައިވާކަން ޒަހާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ބުދަ ދުވަހު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިސްޓްރީން ހަދަން ޖެހޭ ގަވައިދުތައް ހަދާފައި ނުވާތީ ޒަހާ ޒިންމާ އަދާ ނުކުރެއްވި ކަމަށެވެ.

ނަޝީދު ވިދާޅުވީ ވަޒީރަކު މަސްއޫލިއްޔަތު އަދާ ނުކުރެއްވީމާ އަމަލުކުރާ އުސޫލުން މެމްބަރުން އަމަލުކުރައްވަން ޖެހޭ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވެ އެވެ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މުއްދަތު ހަމަވިއިރުވެސް ހަދާފައި ނުވާތީ މަޖިލީހުގެ ގަވައިދު ކޮމިޓީއިން މީގެ ކުރިން ވަނީ ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ނަމަވެސް އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލީ ގަވައިދުތައް ހަދާނެ ކަމަށް ޒަހާ ވިދާޅުވެ މަޖިލީހަށް ސިޓީ ފޮނުއްވުމުންނެވެ.

މަސްވެރިކަމުގެ ގާނޫނު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު އެވެ.