31 Aug 2020, 10:27
ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ އަލުން ކުރައްވައި އެ މައްސަލަ މަޖިލީހަށް ފޮނުވުމުން އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާގެ ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.
އެހެންވެ، އޭނާ ވަނީ އިއްޔެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އަލުން މިނިސްޓަރުގެ މަގާމަށް ހަވާލުވެ އިއްޔެ ވަނީ އަލުން ހުވާ ކުރައްވައިފަ އެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން އެ މައްސަލަ މިއަދު ރިޔާސަތުން ތަޅުމުގައި އިއުލާންކުރައްވައި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަކީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބާއްވާ ފަހު ޖަލްސާ ކަމަށްވާތީ މިއަދު މަޖިލީހުގައި މައުސޫމްއަށް ރުހުން ދިނުމާ މެދު ވޯޓަށް އަހައި އޭނާއަށް ރުހުން ދޭނެ ކަމަށް ބެލެވެ އެވެ.