ނުވަލައްކަ އަށް ވުރެ ގިނަ ވަގު ޑޮލަރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިރޭ ވިދާޅުވީ މިއަދު ހަވީރުން ފެށިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަގު އެމެރިކާ ޑޮލަރުތަކެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރުކުރީ ވަގު އެމެރިކާ ޑޮލަރުތައް ހިފައިގެން ބޭންކަށް ޖަމާކުރަން ދަނިކޮށް މިއަދު ހަވީރު ކަމަށާއި ދެ ވަނަ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު ފެނުނު ވަގު އެމެރިކާ ޑޮލަރުތަކަކާ އެކު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް މިވަގުތައް ދެވެންނެތް ކަމަށާއި މާދަމާ ތަފްސީލުތައް މީޑިއާ އާ ހިއްސާކުރައްވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.