30 Aug 2020, 22:05
ކޮވިޑް-19 އަށް މިއަދު 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ 1800 އާ ހަމައަށް ރާއްޖެއިން 89 މީހަކު ކޮވިޑް އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި މިއަދުވެސް ގިނައީ ދިވެހީންނެވެ.
ވައިރަސް އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 63 މީހަކީ ދިވެހީންނެވެ. ދެން ހިމެނެނީ 20 ބަންގްލަދޭޝް މީހުންނާއި ފަސް އިންޑިއާ މީހުންގެ އިތުރުން ސްރީ ލަންކާ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއް ކޭސް ފިޔަވާ ހުރިހާ ކޭސްތަކަކީ މާލެއިން ފެނިފައިވާ ކޭސްތަކެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،667 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް އަރާފައެވެ. އެގޮތުން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު އުޅެނީ 5،036 ގަައެވެ.
މިވަގުތު ރާއްޖޭގައި 2،597 އެކްޓިވް ކޭސް ހިމެނޭއިރު ހޮސްޕިޓަލުތަކުން 181 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޓެސްޓަށް 111،738 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރޭގައި ރިޕީޓުކޮށް ނަގާފައިވާ ސާމްޕަލްވެސް ހިމެނެއެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 28 މީހެއް ވަނީ މަރުވެފައެވެ.