30 Aug 2020, 21:51
އެއް ގަޑިއިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު، 1،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ހުކުރުދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނަށް ފުލުހަށް ހާޒިރުވުމަށް އަންނަނީ އަންގަމުންނެވެ. އެ ބޭފުޅުން ފުލުހަށް ހާޒިރުކުރަމުން ގެންދަނީ އާންމު ސިއްހަތުގެ މިންގަނޑުތަކާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގައިޑްލައިންތަކާ ހިލާފަށް މުޒާހަރާގައި އުޅުއްވުމުންނެވެ. އެގޮތުން ޝުޖާއު މިރޭ ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފުލުހަށް ހާޒިރުވުމަށްފަހު މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ދެން މިހާލަތުގައި ޖެހޭނީ ޖޫރިމަނާވެގެން ތިބެން ކަމަށާއި މިއީ އެއްވެސް ހާލަތެއްގައި މާސްކު ނާޅައިގެން ވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ޝުޖާއުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުުހައްމަދު ނަޝީދަށް އަމާޒުކުރެއްވިއެވެ. ރައީސް ނަޝީދު ވަނީ ދާދި ފަހުން އެމަނިކުފާނުގެ ފޮތެއް ލޯންޗުކުރެއްވުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދަވާފައެވެ. އެ އިވެންޓުގައި ރައީސް ނަޝީދު މާސްކު އަޅުއްވާފައި ނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
"ގާނޫނު ހަދާ މަޖިލީހުގެ ރައީސް ބައްލަވާ، އެމަނިކުފާނު އަމަލުކުރައްވާގޮތް. މިއީކީ ކޮންމެހެން މާސް ނާޅައިގެން ވާ ކަންތައްތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ މިއަދު ފުލުހަށް ހާޒިރުކުރައްވާފައެވެ. ރައީސް ވަހީދުވެސް ފުލުހަށް ހާޒިރުކުރައްވާފައިވަނީ ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅިގެންނެވެ.
ފުލުހަށް ހާޒިރުކުރެއްވުމުން ރައީސް ވަހީދު ހަނު ހުންނެވިއެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނީ ވަކީލެއް ހަމަޖެއްސެވުމަށްފަހުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.