13 Jan 2012, 01:44
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަން ކަށަވަރުވެއްޖެ ކަމަށް ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލް ވިދާޅުވީ ޤާނޫނާ ހިލާފަށް ސަރުކާރުން ކުރާ ކަންތައްތަކުގެ ސަބަބުން މިހާރު ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމުގެ ޔަގީން ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
''އަޅުގަނޑުމެނަށް ﷲގެ އިރާދާފުޅާއެކީގައި ޔަގީން ކަށަވަރުކަން އެބަލިބޭ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ﷲގެ އިރާދާފުޅާއެކީގައި ދިގު މުއްދަތަކަށް އަޅުގަނޑުމެން ޖަލަށް ލާނެކަނެ،'' ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ރާއްޖޭގައި އޮތް މިނިވަން ކަމާއި ރާއްޖޭގައި އޮތް ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއި އަދި ގާނޫނުގެ ސުލޫކު އެންމެންގެ މެދުގައި ހަމަ ހަމަކޮށް އޮތުމުގެ މިންގަނޑު މިސަރުކާރުން ނަގާލާފައިވާ ތަންކަމުގަ އެވެ.
''މިއަދު މި ފެންނަނީ އެއްބަޔަކު ހަރުގޭގައި ވާހަކަ ދެއްކީމާ އެ ވާހަކަތަކަށް މައާފުލިބިފައި އަނެއް ބަޔަކު ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގު ބޭނުން ކުރީމާ އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޓަކައި ރާއްޖޭގެ ސަލާމަތީ ފަރާތްތަކާއި ފުލުހުންގެ މުވައްސަސާ ބޭނުންކުރާތަން،'' އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އޮތް ޑިމޮކުރަސީ ނައްތާލަން ކަމަށް އެނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
''އަޅުގަނޑުމެނަށް ހަމަ އެއާ އެކީގައި ފެނިގެން މިދިޔައީ ރާއްޖޭގައި ހިނގަމުން މިދާ ކަރަޕްޝަންގެ އަމަލުތަކާއި ރާއްޖޭގެ ސަރުކާރުން ގާނޫނާއި ހިލާފަށް ކުރަމުންދާ ކަންތައްތަކާއި މި ސަރުކާރުން ޝަރުއީ ނިޒާމަށް އަމާޒުކޮށްގެން ހިންގަމުންދާ ކަންތައްތަކާއި މިފަދަ އެތައް ކަންތައްތަކުގެ ވާހަކަ ދައްކާ ފަރާތްތަކާ މެދުގައި މި ސަރުކާރުން ފިޔަވަޅު އަޅައި ރާއްޖޭގައި އޮތް ޑިމޮކުރަސީ ޅަފަތުގައި ނައްތާލާނެ އިންޒާރު މިދިނީ،'' އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ފުލުހުން އެނާއާ ކޮށްފައި ވަނީ ކޮންކަލަ ސުވާލުތަކެއް ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.
ޖަމީލް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ސަރުކާރާ ބެހޭ ގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންގެ ކިބައިން އެ ވާހަތައް ތަޙްގީގުކޮށް ދިނުމަށް އެދުމުންނެވެ.