މީގެ 11 ވަރަކަށް އަހަރު ކުރިން މެޒޯ މުހައްމަދު މާޖިދުގެ ހިތްގައިމު އަޑުން އިވިގެން ދިޔަ "އަކިރި ދެމޭ" ލަވަ ވެގެންދިޔައީ ދިވެހިންގެ ހިތްތަށް ފަތަހަކޮށްލި ލަވައަކަށެވެ.

މިއަދުވެސް އެ ލަވަ އިވުމުން ދިވެހިންގެ ހިތަށް ހިތްހަމަޖެހުން ލިބިގެންދާ އިރު މިއަދު މިވަނީ މެޒޯގެ ދަރިފުޅު މީރާ މުހައްމަދު މާޖިދުގެ އަޑުން އެ ލަވައިގެ ކަވާއެއް އިވިގެން ގޮސްފަ އެވެ. ސްކައިރޮކް ބޭންޑުގެ ހިތްގައިމު މިއުޒިކާ އެކު މީރާގެ އަޑުން އިވިގެންދިޔަ އެ ލަވައަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ސްކައިރޮކް ބޭންޑުގެ ލީޑަރު ފައިޒާން ސަން އަށް ބުނީ ކަވާ ލަވައެއް ހެދުމުގެ ވިސްނުން އެންމެ ފުރަތަމަ އައީ އެ ބޭންޑުގެ ކޮންޓެންޓް ކެމްޕޭނު "ލޮކްޑައުން ކަވާސް" އިން ކަމަށެވެ. ރާއްޖޭގެ މިއުޒިކް ލެޖެންޑުންގެ ހަނދާން އާކުރުމުގެ ގޮތުން ލަވައިގެ ކަވާއެއް ހަދަން ނިންމިއިރު "އަކިރި ދެމޭ" މި ލަވަ ޚިޔާރުކުރީ މި ލަވައަކީ މެޒޯ އަށް ވަރަށް ކަމުދާ ލަވައަކަށް ވުމުން ކަމަށް ވެސް ފައިޒާން ބުންޏެވެ.

އާންމުންގެ ބޮޑު ތަރުހީބެއް މި ލަވައަށް ލިބެމުން އަންނައިރު މިހާތަނަށް ލަވައަށް ވަނީ 3000 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

"އަކިރި ދެމޭ"ގެ މަންޒަރުތައް ޝޫޓްކުރީ ސްކައިރޮކްސްގެ ވީޑިއޯގްރަފާ ނާޝިއު އެވެ. މިއުޒިކް ސްޓޫޑިއޯގައި ލަވަ ޝޫޓްކުރިއިރު ކޮވިޑްގެ ހާލަތުގެ ސަބަބުން ލަވަ ރެކޯޑުކުރީ ޓީމުގެ މެންބަރުން ވަކި ވަކިންނެވެ.

"މެޒޯއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން މި ލަވައިގެ ރައިޓްސް ދިނީމަ ލަވައިގެ ކަވާ ހެދުމަށް،"

ސްކައިރޮކްގެ މެންބަރު ހުސައިން---

ސްކައިރޮކްގެ މެންބަރުންނަކީ މީރާ (ވޯކަލްސް)، ޒަޔާން (ގިޓަރިސްޓު)، ފައްފު (ވޯކަލް/ގިޓަރިސްޓު). ހުސައިން (ކީ ބޯޑްސް)، އިނާން (ބޭސް)ގެ އިތުރުން ފައިޒާން (ޑްރަމްސް) އެވެ.

ސްކައިރޮކް ބޭންޑުން މިހާރު މަސައްކަތްކުރަމުން އަންނަނީ ބޭންޑުގެ އަލްބަމެއް ނެރުމަށެވެ. ޖުމްލަ ފަސް ލަވަ ހިމެނޭ މި ލަވަތައް ކޮމްޕޯސްކޮށް ލިޔުނީ ބޭންޑުންނެވެ. އަންނަ އަހަރު ރިލީޒްކުރުމަަށް ތާވަލްކޮށްފައިވާ މި އަލްބަމުގައި ބޭންޑުގެ ލަވަ "ސަމުގާ" ވެސް ހިމެނޭނެ އެވެ.