ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލްގެ ލޯބީގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މި ލޮކްޑައުންތެރޭ ކެޓްރީނާގެ ގެއަށް ވިކީ ކޯޝަލް ދިޔަ މަންޒަރު ޕަޕަރާޒީން ވަނީ ފޮޓޯނެގުމަށްފަހު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. ހަމައެއާއެކު ވިކީ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި އޭނާ ލައިގެން ހުރި ހުޑީ ލައިގެން ކެޓްރީނާ ވެސް ވަނީ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުގައި މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ދެތަރިން އެކުގައި ގިނަ ވަގުތު ބޭރުގައި ހޭދަކުރާކަން ވެސް މީޑިއާތަކަށް ވަނީ އެނގިފައެވެ. މީގެ ކުރިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ އޭނާއާއި ވިކީ ކޯޝަލްގެ ޖޯޑު ކަމުދާ ކަމަށެވެ.

ކެޓްރީނާއާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރުނު ނަމަވެސް ދެތަރިންކުރެ އެކަކުވެސް ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެއްނުވެއެވެ.

ބަތަލާ ކެޓްރީނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ރަންބީރު ކަޕޫރާއެވެ. ދެތަރިން ވަނީ ހަ އަހަރު ދުވަސް ވަންދެން އެކުގައި އުޅެފައެވެ. އެ ގުޅުން 2016 ވަނަ އަހަރު ރޫޅުނު އިރު ރަންބީރު މިހާރު އުޅެނީ ބަތަލާ އާލިއާ ބަޓް އާ ލޯބީގެ ގޮތުން ގުޅިގެންނެވެ.