13 Jan 2012, 01:22
ޑިސެމްބަރު 23ގައި ކުރި މުޒާހަރާއަކީ ހެޔޮނިޔަތެއްގައި ކުރި މުޒާހަރާއެއް ކަމަށް އޭރު ހީކުރެއްވި ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ހިނގައި ދިޔަ ކަންތައްތަކުން އެވިދާޅުވި ކަންތައްތަކާއި އެދެއްކި މޮނިއުމެންޓްތަކުގެ ވާހަކަ ވެގެން ދިޔައީ ހީކުރި ގޮތަށް ނޫން ކަމަށާއި މޮނިއުމެންޓްތައް ނަގަންޏާ ޕީޕީއެމްގެ ޖަލްސާތަކުގެ ކުރީ ސަފު އެއްކޮށް މިރާއްޖެ އިން ނަގައި އުކާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާގެ ދެ ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު މިރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ނަގަން ޖެހޭ އެތައް މޮނިއުމެންޓެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ވެރިކަމަށް އަންނަން ވަގުތު ގުނަގުނާ ތިބި މޮނިއުމެންޓްތައް އެބަހުރި ކަމަށެވެ. އަދި އެފަދަ މޮނިއުމެންޓްތައް ނަގާ ޚަލާސްކޮށްގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
".. އަޅުގަނޑުމެން ވެސް ހީކުރިން 23 ޑިސެމްބަރުގައި ނުކުތީ ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށް، އެހެން ނަމަވެސް އެކަމުގެ މޯހިރުގައި ވެގެން ދިޔަ ކަންތައްތަކުން، އެވިދާޅުވަމުން ދިޔަ ވާހަކަތަކާއި އެ ދެއްކި މޮނިއުމެންޓްތަކުގެ ވާހަކަތައް އަޅުގަނޑުމެން ފަހުމް ކުރި ގޮތަކަށް ނޫން ވެ ދިޔައީކީ. އެހެން މިދަންނަވާލީ އޭގެ ފަހުން ބޭއްވި ޕީޕީއެމްގެ ޖަލްސާގެ ކުރީ ސަފު ބަލާލި އިރު، ޖީބުގައި ވެސް އިނީ މައުމޫނުގެ ފޮޓޯ، ކޮލުގައި ވެސް ފޮޓޯ، ޔާމީނު ޓައިގައި ވެސް ފޮޓޯ، މުޅި ގައިގައި ހުސް މޮނިއުމެންޓް، ހަގީގަތުގައި އަޅުގަނޑަކީ ވެސް ގޮވާލި މީހެއް ދެން އެ ވަރަށް އެއްޗިހި ކިޔަންޏާ އެ އެއްޗެހިތައް ނަގާށޭ، އެހެން ނަމަވެސް މިހާރު އަޅުގަނޑު ހިތަށް އަރާ އެހެން ގޮވަން ވެއްޖެއްޔާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މިރާއްޖޭން ނަގާ އުކާލަން ޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ވެށީގައި ނަގަން ޖެހޭ މޮނިއުމެންޓްތަކެއް އެބަހުރި ކަމަށާއި އެއީ އެފްޕީއައިޑީ އާއި އެއާމޯލްޑިވްސްގެ ކަންތައްތަކާ ގުޅުން ހުރި މޮނިއުމެންޓްތަކާއި ވެރިކަމަށް އަންނަން ދުވަސްތައް ގުނަގުނާ ތިބި މޮނިއުމެންޓްތައް ކަމަށެވެ.
ކުރީގެ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނު ވަނީ ޓައިޓޭނިކް ފަދައިން އަޑިއަށް ގޮސްފައި ކަމަށާއި އަޑިއަށް ދިޔައިރު ބޮކިޖަހާފައި ފެންމައްޗަށް އެރުނީ އަލްހާނާއި އަލީ ވަހީދު ފަދަ ޒުވާނުންނަށް ކަމަށެވެ.
ސަރަނގު އާދަމް މަނިކު ވިދާޅުވީ ރައީސް މައުމޫނަށް އިނގިރޭސިވިލާތުގެ ރާނީ އެރުވި ޖީސީއެމްޖީ (ގްރޭންޑް ކްރޮސް އޮފް ސޭންޓް މައިކަލް އެންޑް ސޭންޓް ޖޯޖް)ގެ ލަގަބަކީ ކްރިސްޓިއަން ދީން ދިފާއުކުރާ މީހުންނަށް ކްރިސްޓިއަން ދީނުގެ މަޒުހަބެއް ކަމަށްވާ އެންގްލިގަމްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިން ލަގަބެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދާ ހަމައަށް ވެސް އެލަގަބު ދޫކޮށްލައްވާފައި ނުވާހާ ހިނދަކު މައުމޫނަކީ މުސްލިމެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ބޮޑުދައިތާފުޅެއް ކަމަށްވާ ޒުހައިރާ ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމެއް ކަމަށާއި "ތިޔަހެނެއް ނުކިޔޭނެ" ކަމަށެވެ.
"އަޅުގަނޑަކީ ރައީސް ނަޝީދުގެ ބޮޑު ދައިތަ، އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑުގެ ކޮއިފުޅަކީ އިސްލާމެކޭ، ތިޔަހެނެއް ނުކިޔޭނޭ،" ޒުހައިރާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް ވާހަކަ ދެއްކެވި ގިނަ ބޭފުން ވަނީ އެމްޑީޕީގެ ވައުދުތައް ފުއްދެމުން އަންނަ ކަމަށާއި އެމްޑީޕީގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ސިޔާސީ ގޮތުން ދައްކާނެ އެހެން ވާހަކައެއް ނެތީމާ ދައްކާ ވާހަކައެއް ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަގީދާއާ މެދު ސުވާލު އުފައްދައިގެން ވާހަކަ ދެއްކުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ހަޖަމު ކުރައްވައިގެން ނުތިއްބަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެބޭފުޅުން ތަކުރާރު ކުރެއްވި އެވެ.