31 Aug 2020, 09:19
ދެހާސް ދިހަވަނަ އަހަރު ސްޓާޕްލަސް އިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ސީޒަނެއް އަންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރުވެގެންދިޔަ މި ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އޮކްޓޯބަރު މަހު ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ޑްރާމާ ދެއްކުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދިގު ދެމިގެންދިޔަ ސާތު ނިބާނާ ސާތިޔާއަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާއެކެވެ. ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދިން އެ ޑްރާމާވެފައިވަނީ ބޮޑު ހިޓަކަށެވެ. އަދިވެސް އެ ޑްރާމާގެ ތަންތަންކޮޅުގެ މީމްސްތައް ސޯޝަލް މީޑިއާގައި އެނބުރެއެވެ.
ދާދިފަހުން ކޯކިލާގެ ޑައިލޮގުތަކެއް ރެޕަކަށް ބަދަލުކޮށްގެން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯކޮޅަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޚަބަރުތައް ބުނާގޮތުގައި މި ފަހަރުވެސް ޑްރާމާއިން ކޯކިލާ އާއި ގޯޕީ ފެނިގެންދާނެއެވެ.