30 Aug 2020, 19:18
މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރި އަކު ގދ. ތިނަދޫއިން ކޮވިޑް19 އަށް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓުވި ގިނަ އަދަދެއްގެ ބަޔަކު އެ ރަށުން އެކަހެރި ކޮށްފި އެވެ.
ތިނަދޫއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްކަމުގައިވާ "ދެރަހަ" ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރި އެކެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމުޖަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ކޭސްއާ ގުޅިގެން ކުރިޔަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތްތަކުގެ ތެރެއިން އެ މީހާއާ ކޮންޓެކްޓުވި ޖުމްލަ 41 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
"ގާތްގަނޑަކަށް ދެ ތިން ދުވަހެއް ނުވަތަ އެޔަށްވުރެން ވެސް ގިނަ ދުވަސް ވެދާނެ (ކޮންޓެކްޓް ޓްރޭސިންގް) ގެ މަސައްކަތަށް. އަތޮޅުގެ އެންމެ އާބާދީ ބޮޑު، ވެރިކަން ކުރާ ރަށް ވީމައި ވަރަށް ގިނަ ބަޔަކު ދަތުރުވެސް ކުރާނެތާ. މިހާތަނަށް 41 މީހަކު ވަނީ އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައި،" އަމްޖަދު ވިދާޅުވި އެވެ.
ޕޮޒިޓިވް ކޭސްއާ ދިމާވި 41 މީހެއްގެ އިތުރުން އޭނާ އެކު ދަތުރުކުރި ބޯޓުގައި ނުވަ މީހަކު ތިބި ކަމަށް އަމްޖަދު ވިދާޅުވި އެވެ.
"އެ ނުވަ މީހުންވެސް ތިބީ މިހާރު އެކަހެރި ކުރެވިފައި. އެކަމަކު އެތަނުންވެސް އިތުރު މީހަކު ޕޮޒިޓިވް ވިއްޔާ އެ ބަލާނީ އާ ކްލަސްޓާ އެއްގެ ގޮތުގައި،" އަމްޖަދު ވިދާޅުވި އެވެ.
ޕޮޒިޓިވް ވި މީހާ މަސައްކަތްކުރާ "ދެރަހަ" ބޯޓަކީ އަތޮޅު ތެރޭ އެހެން ރަށްތަކަށްވެސް ދަތުރު ކުރި ބޯޓެއްކަމަށް އަމްޖަދު ވިދާޅުވި އެވެ. އެ ބޯޓު ގާތްގަނޑަކަށް ހަތަރު ނުވަތަ ފަސް ރަށަކަށް ޖެއްސިކަމަށް އަމްޖަދު ވިދާޅުވި އެވެ.
އެ ކޭސްއާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުން މިހާރު ތިނަދޫގައި ސްކޫލްތަކާ ކުޅިވަރު ކުޅޭ މައިދާންތައް ވެސް ބަންދުކޮށްފައިވާކަމަށް އަމްޖަދު ވިދާޅުވި އެވެ. ތިނަދޫ އަދިވެސް އޮތީ މޮނިޓަރިންގް ހާލަތުގަ އެވެ. އެއީ މީހުން ރަށަސް އަރާ ފޭނުން މަނާ ހާލަތެކެވެ.
ޕޮޒިޓިވްވި މީހާ މިހާރު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރާކަމަށް އަމްޖަދު ވިދާޅުވި އެވެ.
"އެމީހާ މިވަގުތު ހުރީ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި. މިހާރު އެ މީހާ ފެސިލިޓީއަށް ބަދަލުކުރަން މަސައްކަތް ދަނީ ކުރަމުން." އަމްޖަދު ވިދާޅުވި އެވެ.

ގ.ދ. ތިނަދޫގައި ހުންނަ އަބްުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް. (ފޮޓޯ/ހުވަދޫ ނިއުސް)
ކޮވިޑް-19އާ ގުޅިގެން ގދ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ފޯކަލް ޕޮއިންޓް ޝަހުޒާ ހުސައިން "ސަން" އަށް ވިދާޅުވި ގޮތުގައި ޕޮޒިޓިވް ވި މީހާ މާލެ ތެރެއަށް ފޭބިކަމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިނުވާތީވެ އެމީހާ ވަނީ އެ ރަށުގައި އެކި ތަންތަނަށް ގޮސް ހަދައިފަ އެވެ.
މާލޭގެ ބަނދަރުގައި އޮންނަ މުދާ އުފުލާ ބޯޓު ފަހަރުގައި އުޅޭ މީހުން މާލެ ތެރެއަށް ފައިބައި ނޫޅޭހާ ހިނދަކު ރަށަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހެ އެވެ. އެހެންނަމަވެސް ތިނަދޫއިން ޕޮޒިޓިވް ވި މީހާ މާލޭގައި ހުރި އިރު ބަލިވެ އުޅުމުގެ ސަބަބުން މާލޭގެ ސެނެހިޔާ ހޮސްޕިޓަލަށް ދެއްކުމަށް ދިޔަކަން އެ މީހާ ތިނަދޫގެ ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދީފައެއް ނުވެ އެވެ. އެ މީހާ ސެނެހިޔާއަށް ދިޔަކަން އެނގުނީ ބަލިވެގެން ތިނަދޫގެ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.
"40 އެއްހާ މީހުން ކޮންޓެކްޓް ޓްރޭސިންގް އަށް ފާހަގަކުރެވިފައިވާއިރު އެމީހާ ހުކުރު ނަމާދަށްވެސް ދިޔަކަމަށް މައުލޫމާތު ލިބެނީ." ޝަހުޒާ ވިދާޅުވި އެވެ.
އަޑުފެތުރިފައިވާ ގޮތުގައި، ޕޮޒިޓިިވްވި މީހާ އަކީ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ތިނަދޫގައި އޮތް މުޒާހަރާގައި ބައިވެރި ފަރާތެކެވެ. އެހެން ނަމަވެސް، ތިނަދޫ ކައުންސިލް ރައީސް ވެސް އަދި ކޮވިޑް-19ގެ ފޯކަލް ޕޮއިންޓުން ވެސް ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.