ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ތަހުގީގު ކުރެއްވުމަށް ފުލުހުންނަށް އެންގެވި، ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ އާއި ގައުމީ ޕާޓީގެ ނާއިބު ލީޑަރު އަބްދުލް މަތީން މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

އަހައްމައިދީ ހައްޔަރު ކުރީ، އޭނާގެ ވަކީލު ޑރ. ހަސަން ސައީދު ވިދާޅުވި ގޮތުގައި، އޭނާ ފުލުސް އޮފީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަދި ބޭރަށް ނުކުމެ ދައްކަވައިފާނެ ވާހަކައަކާ ގުޅިގެންނެވެ. ނަމަވެސް ފުލުހުންނާ ހަވާލާދެއްވައި ހަސަން ވިދާޅުވީ އަހައްމައިދީ ހައްޔަރުކުރީ ކީއްވެގެން ކަން 24 ގަޑި އިރުގެ ތެރޭގައި އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

ނަމަވެވެސް ހަސަން ވިދާޅުވީ މާދަމާ ކޯޓު ހުޅުވިހާ އަވަހަކަށް އަހައްމައިދީ މިނިވަން ކުރުމަށް މައްސަލަ ކޯޓަށް ވައްދަވާނެ ކަމަށެވެ.

ގައުމީ ޕާޓީގެ ނައިބު ލީޑަރު މަތީން ފުލުހުން ހައްޔަރުކޮށް، ފުލުސް އޮފީސް ކުރިމަތީގައި އޮތް ލޯންޗަށް އެރުވީ އެ ގަޑީގައި ހޯމް މިނިސްޓަރު ހަސަން އަފީފު ފުލުސް އޮފީހަށް ވަންނަވަނިކޮށް، މަތީން، އަފީފުގެ އިސްތިއުފާއަށް ގޮވައި ފުލުސް އޮފީސް ކުރިމަތިން ޕޭމަންޓްމަތީގައި އިށީންނެވި ތަނާ އެވެ.

ސާބިތު ނުހިފޭ ވާހަކަ ދައްކަވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަމުރަށް ގައުމީ ޕާޓީގެ ނައިބު ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް މިރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ދެތިން ގަޑި އިރު ފުލުސް އޮފީހުގައި ބޭތިއްބުމަށް ފަހު ޖަމީލު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަތީން ހައްޔަރު ކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައިގެން ކަމަށެވެ. އަދި އަހައްމައިދީ ހައްޔަރު ކުރީ ފުލުހުން ހިންގާ ތަހުގީގަކަށް ކަމަށާއި އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.