30 Aug 2020, 12:46
މައްޗަންގޮޅި ގެއެއްގެ ބެރިއަކުން ބައެއް ވެއްޓި މަގުމަތިން ދިޔަ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މއ. ގޮމަށިގޭ މަތިން ވެއްޓުނު ބެރިއެއްގެ ބަޔަކުން ޖެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.
ވެއްޓުނު އެތިން ޖެހުނީ އަނިޔާވި މީހާގެ ބޮލުގައެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ލިބުނު އަނިޔާގެ ބޮޑުމިނެއް އަދި އެނގިފައި ނުވެއެވެ.

މާލޭ ގޮމަށިގޭ މަތިން ވެއްޓުނު ބެރީގެ ކޮންކްރީޓުގަނޑު: އޭގެން ޖެހި މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ
މީގެ ކުރިންވެސް މާލޭގައި އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވެފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފަހުކޮޅު މާފަންނު ގަޑިބުރު ކައިރީގައި ހުުންނަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާ މަރުވި އެވެ.