12 Jan 2012, 18:33
ރާއްޖޭގެ އިގްތިސާދު ވަޅުޖެހުނަ ނުދީ، ޓޫރިޒަމް އިންޑަސްޓްރީ ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ނެގެޓިވް ކެމްޕެއިންތަކަށް ފުރުސަތު ނުދީ ރަނގަޅު ގޮތުގައި މާކެޓްކުރަން ޖެހޭ ކަމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެއްމެ އިސް އެއް ފަރާތްކަމަށްވާ ސަންޓްރެވެލްގެ ވެރިޔާ އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ އަކީ ވަރަށް ނާޒުކު އިންޑަސްޓްރީއެއް ކަމަށާއި ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް އެ އިންޑަސްޓްރީ ނެތިގެން ހިނގައިދާނެ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަމުގެ އަސަރު ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރުމުގެ ސަބަބުން ރަނގަޅު ގޮތުގައި ޓޫރިޒަމް މާކެޓްކުރަން ހުރަސްއެޅި ނެގެޓިވް ކެމްޕެއިންތަކަށް ފުރުސަތުތަކެއް ހުޅުވޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ތައިލޭންޑް ފަދަ ބޮޑެތި ގައުމުތައް ވެސް މުޒާހަރާތައް ނޫނީ މިކަހަލަ ސިޔާސީ ކަންތަކުން މުޅި ގައުމު އެއޮތީ ހަލާކުވެފައި. އެމީހުންނަށް ކުރިއަށް އޮތް 30 އަހަރުތެރޭގައި ވެސް ނެތް، އެމީހުން މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އޮތް ހާލަތަށް އިގްތިސާދު އަނބުރާ ރުޖޫއު ކުރެވޭކަށް،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ޓޫރިޒަމް އިންޑަސްޓްރީ އަށް އިންވެސްޓްކޮށްފައިވާ އިރު ގިނަ އަދަދެއްގެ ޓޫރިސްޓުންގެ މަގުބޫލުކަން ލިބިފައިވާ ސުޕާތަކާއި އެހެނިހެންތަންތަން ބަންދުކޮށް ހެދުމުގެ ސަބަބުން ޓޫރިޒަމް މާކެޓަށް އެކަމުން ނޭދެވޭ އަސަރު ފޯރާ ކަމަށެވެ. އަދި ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުން ތިބި ކަމަށް ބުނެ ބޭރު ދުނިޔޭގައި ފެތުރެމުންދާ އަޑުތަކުގެ ސަބަބުން ވެސް ޓޫރިޒަމް އިންޑަސްޓްރީ ކަންބޮޑުވާން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި ޗައިނާ މާކެޓަކީ ވަގުތީ މާކެޓެއް ކަމަށާއި ޓްރެޑިޝަނަލް މާކެޓްގައި ހިމެނޭ ޖަރުމަން، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ގައުމުތަކުން ޓޫރިސްޓުން އަންނަ މިންވަރު ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ނޭދޭވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ޗައިނާ މީހުން ރާއްޖެ އަންނަންވީ ސަބަބެއް ނެތެއް، ނޫންތޯ؟ ރާއްޖެ އަންނަ ގިނަ މީހުން ބޭނުން ވަނީ ސަން ނޫނީ ސްނޯކްލިން. އެމީހުންނަކީ އެކަން ކުރާ ބައެއް ނޫން މާބޮޑުކޮށް. ރާއްޖެއަށް ލޯންގްޓާމް މާކެޓެއް ނޫން އެއީ،" ސިޔާމް ވިދާޅުވި އެވެ. "ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރަން ޖެހޭ ގޮތަށް ނުކުރެވުމުން ޔޫރަޕް މާކެޓް ގެއްލި ޗައިނާ މާކެޓް މިހާރު ލިބިފަ މިއޮތީ،"
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ 4.5 މިލިއަން ޑޮލަރާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ސިޔާމް ވިދާޅުވީ ގައުމެއްގެ އެންމެ ބޮޑު އިންޑަސްޓްރީ ޕްރޮމޯޓް ކުރުމަށް އެއީ ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި އެ ބަޖެޓް ތިން ގުނައަށް ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ.
ސިޔާމް އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ ތެރެއަށް ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށްލައިގެން ވާހަކަ ދައްކާ ފަރާތްތަކުން ވާހަކަ ދައްކަނީ ގައުމަށް ހެޔޮއެދިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޮންމެ ބަޔަކު ކުރިޔަސް އެކަން އެގޮތަށް ކުރަނީ ސިޔާސީ އަމިއްލަ ބޭނުމެއްގައި ކަމަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ދިވެހިންނަށް ކުރާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ކޮންމެ ދިވެއްސަކު ވެސް ފުރަތަމަ އިސްކުރަން ޖެހޭނީ އިސްލާމް ދީން. އެއަށް ފަހު މި ލޮބުވެތި ވަތަން. ދެން ތިމާގެ އަމިއްލަ ބޭނުން،" ސިޔާމް ވިދާޅުވި އެވެ.