30 Aug 2020, 11:51
އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ޓްރެވަލްް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމެނޭތޯ މަސައްކަތް ފަށައިފި އެވެ.
އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ދަތުރުކުރުން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ. އޭގެ ސަބަބުން ރާއްޖެ އައުމަށް ފަހު އިނގިރޭސިވިލާތަށް އެތެރެވާ މީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ.
އިނގިރޭސި ކޮރިޑޯ ލިސްޓަށް ރާއްޖެ އެރުވުމަށް މަސައްކަތްކުރާއިރު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެއް މަސްތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، އިނގިރޭސި ރައްޔިތުންނެވެ.
އިނގިރޭސި ފަތުރުވެރިންގެ މެދުގައި ރައްޖެއަކީ މަގުބޫލު މަންޒިލަކަށް ވާއިރު އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގުޅިގެން ވަނީ އިނގިރޭސި ޓްރެވަލް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އިނގިރޭސި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އިން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭގޮތަށް، ސޭފް ޓްރެވަލް ލިސްޓިގައި ރާއްޖެ ހިމެނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓު. އިނގިރޭސިވިލާތުގައި ހުންނަ ރާއްޖެ ހައިކޮމިޝަނާ ޓޫރިޒަމް މިނިސްޓްރީ އާއިގުޅިގެން ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ހިމަނަން ދަނީ މަސައްކަތް ކުރަމުން،" ތޮއްޔިބާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ތޮޮއްޔިބު ވިދާޅުވީ ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓުގެ ސަބަބުން ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރާއިރު އިތުރު ހިތްހަމަ ޖެހުން ލިބިދޭނެ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ގައިޑްލައިން ތަކަކީ ރާއްޖޭގެ ރިސޯޓުތަކަކީ ފަތުރުވެރިންނަށް ރައްކާތެރި ތަންތަންކަން ކަށަވަރުކޮށްދޭނެ ގައިޑްލައިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.