30 Aug 2020, 11:24
އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާ ނުލައި މީހުންގެ ގައިގެ ފިނިހޫނުމިން ބެލޭ "މާސް ސްކްރީނިން ސޮލިއުޝަން" އެއް ދިރާގުން ތައާރަފުކޮށްފި އެވެ.
ޓެލެކޮމް މެލޭޝިއާ ގުޅިގެން ރާއްޖެއަށް ތައާރަފުކުރި މި "އާލީ ވޯނިން، އެލާޓް އެންޑް ރެސްޕޮންސް" (އީވާރް) ސޮލިއުޝަންގެ ދެ ބާވަތެއް ހިމެނެ އެވެ. އެއީ އީވާރް ކްރައުޑް އަދި އީވާރް ކޮމްޕެކްޓް އެވެ.
އީވާރް ކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިލެވޭއިރު އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ބޮޑީ ޓެމްޕަރޭޗާ ބަލާލެވޭނެ އެވެ. އެހެން ކަމުން އީވާރް ކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން އިސްކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ސޮލިއުޝަން މެދުވެރިކޮށް ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ އިތުރަށް ހުރި މީހަކު އިމާރާތަށް ވަނުމާއެކު، ސިސްޓަމަށް ވަގުތުން އެލާޓް އަދި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަން ފޮނުވައިދެ އެވެ. އަދި މި މައުލޫމާތު ތިން މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭ ގޮތަށް ރައްކާކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް މި ދެ ސޮލިއުޝަންވެސް ދިރާގު ހެޑް އޮފީހުގައި ވަނީ ބޭނުންކުރަން ފަށާފަ އެވެ.
މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު އިމާރާތުގެ ދޮރު ކުރިމަތީގައި މީހުންގެ ބޮޑީ ޓެމްޕަރޭޗަރު ބަލަން ބެހެއްޓުމުގެ ބަދަލުގައި، ގައިދުރުކަން އިސްކޮށް، އިމާރާތަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރު ބެލޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް ދިރާގުން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރު ވިދާޅުވީ މި ސޮލިއުޝަން ތައްޔާރުކޮށްފައިވަނީ ތާމަލް ސްކްރީނިން ނުވަތަ ފިނި ހޫނުމިން ބެލުމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.
މިކަމާ ގުޅިގެން ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ ޝަރްލިން ތިއެގަރަޖަ ވިދާޅުވީ މި ސޮލިއުޝަން ފަރުމާކޮށްފައިވަނީ ނިއު ނޯމަލްގައި ވިޔަފާރިތަކަށް ކަސްޓަމަރުންނާއި މުވައްޒަފުން އަދި އެހެނިހެން ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދެވޭނެ ގޮތަކަށް ކަމަށެވެ.
ދިރާގުން ބުނީ އާ އާންމު ހާލަތެއްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދޭނެ ވަސީލަތްތައް ހޯދައިދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.