ވޮޝިންޓަން (އޮގަސްޓް 30) : އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ލިބިވަޑައި ނުގެންފި ނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ވައިޓް ހައުސް އިން ނުކުންނަވަން ޓްރަމްޕް ދެކޮޅު ހައްދަވާފާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ދެ މެންބަރަކު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ ދެ މެންބަރުންކަމަށްވާ އެލިސާ ސްލޮކްޓިން އާއި މިކީ ޝިރިލް އެމެރިކާގެ ސިފައިންގެ ވެރިޔާ އަދި ޖޮއިންޓް އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމަކީ ވަރަށް ގާތްކަމެއްކަމަށާއި އެފަދަ ހާލަތެއްގައި އެމެރިކާގައި ދެ ރައީސުންތިބެ ގައުމު ފިތުނައާއި ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމުގަ އެވެ. މިފަދަ ކަމެއް ގައުމުގައި ހިނގުމަށް އެމެރިކާގެ އަސްކަރީ ގާނޫނުތައް ތަންނުދޭ ކަމަށާއި އެހެންކަމުން މިފަދަ ހާލަތަކަށް އެމެރިކާ ދިޔުން ހުއްޓުވުމަށް ޖެނެރަލް މިލޭގެ ކިބައިން އެދެ މެންބަރުން އެދިވަޑައިގެންފައިވެ އެވެ.

އެމެރިކާގައި ދެ ސަރުކާރާއި ދެ ރައީސުން ތިބުމުގެ ފުރުސަތެއް ނޯންނާނެ

މި ސިޓީއަށް އިޝާރާތް ކުރައްވައި ޖެނެރަލް މިލޭ ވަނީ އެމެރިކާގައި ދެ ރައީސުން ތިބުމުގެ ފުރުސަތު ނޯންނާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން އެމެރިކާގެ އިންތިޚާބާބެހޭ އެއްވެސް ކަމެއްގެ ތެރެއަށްވެސް އަދި ސިޔާސީ ކަމެއްގެ ތެރެއަށްވެސް އެމެރިކާގެ ސިފައިން ނުވަންނާނެ ކަމަށާއި އެކަމަށް އެމެރިކާގެ އަސްކަރީ ގާނޫނުތައް ވެސް ތަންނުދޭކަން ޖެނެރަލް މިލޭ ފާހަގަ ކުރެއްވި އެވެ. ކޮންގެރްސްގެ އެ ދެމެންބަރުން ޖެނެރަލް މިލޭ އަށް ފޮނުއްވި ސިޓީގެ ކޮޕީއެއް އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ އަށްވެސް ފޮނުއްވި އެވެ. ނަމަވެސް އެސްޕާ އެސިޓީއަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އެމެރިކާ ސިފައިންގެ ވެރިޔާ އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ

މިދިޔަ ޖުލައި މަހު އެމެރިކާގެ ކަންކޮޅުތަކުގައި ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި މުޒާހަރާތައް ފުޅާވެގެންދިޔަ ދުވަސްވަރު ވައިޓް ހައުސްގެ ކައިރީގައި ގިނަ ބަޔަކު މުޒާހަރާ ކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެވަޑައިގެން މުޒާހަރާތަކަށް ގޮންޖެއްސެވުމުގެ ގޮތުން މަގެއް ހުރަސްކުރައްވައި ވައިޓް ހައުސްގެ ކައިރީގައި ހުރި ތާރީޚީ ފައްޅިއަކަށް ޓްރަމްޕް ހިންގަވާފައި ވަޑައިގެން ނަސާރާއިންގެ އިންޖީލު އަތައް ނަންގަވައިގެން ނަސާރާދީން ސިޔާސީ ހަތިޔާރަކަށް ހައްދަވައިގެން މުޒާހަރާއަށް ގޮންޖައްސަވާގޮތަށް ޓްރަމްޕް އަމަލުތަކެއް ހިންގަވިއެވެ.

ޓްރަމްޕް މި ސިޔާސީ މިހަރަކާތް ހިންގެވިއިރު އޭނާއާއެކު ދިފާއީ ވަޒީރު އެސްޕާވެސް ބައިވެރިވެވަޑައިގެންފައިވާތީ އެމެރިކާގެ އެތެރެއިން އެސްޕާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އެސްޕާވަނީ ދިފާއީ ވަޒީރަކަށް ހުންނަވައިގެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިކީ ޝްރިލް

އެމެރިކާގެ ވަޒީރުންނަކީ ސިޔާސީ މަގާމުތަކެއްގައި ތިއްބަވާ ބައެއްނަމަވެސް މަގާމުގައި ތިއްބަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެމެރިކާގެ ގާނޫނުތަކާއި ސިޔާސީ ސަގާފަތު ތަންދޭކަމެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ރައީސް މިކަމުން އިސްތިސްނާވެއެވެ. އިންތިޚާބުތަކުގެ ކޭންޕޭންގެ ދުވަސްވަރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެމެރިކާގެ ރައީސަށް އޮވެއެވެ.

ޑިމޮކްރަސީގައި އެމެރިކާ ލަދުގަންނަންޖެހޭ ފަދަ ވާހަކަތަކެއް

އަންނަ ނޮވެމްބަރު 3ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ނަތީޖާ ގަބޫލުނުކުރައްވައި ވައިޓް ހައުސް އިން ނުކުންނަން ޓްރަމްޕް ދެކޮޅު ހައްދަވާފާނެކަމުގެ ވާހަކައަކީ އެމެރިކާފަދަ ކުރިއަރާފައިވާ ޑިމޮކްރަސީއެއްގައި ދައްކަން ލަދުގަންނަންޖެހޭ ފަދަ ވާހަކައެއްކަމަށް ބުނެ ބައެއް ފަރާތްތަކުންވަނީ މިއީ އެމެރިކާފަދަ ގައުމެއްގައި އުފައްދަންޖެހޭ ސުވާލެއް ނޫންކަމަށާ އެއީ އެމެރިކާ ނިކަމެތިކޮށް ތިންވަނަ ދުނިޔޭގެ ހާލަތަށް އެމެރިކާ ވައްޓާލުމުގެ ސުވާލެއްކަމަށް ބުނެ އެދެ މެންބަރުންނަށް ފާޑުކިޔާފަ އެވެ.

އެލިސާ ސްލޮކްޓިން

ނަމަވެސް އެސިޓީ ފޮނުވަންޖެހުނީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެއްޖެނަމަ ނަތީޖާ ގަބޫލުނުކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ކުރިން ދެއްވާފައިވާތީ ކަމަށާ މިއީ އެމެރިކާގެ ރައީސަކު މިހާތަނަށް ވިދާޅުވެފައި ނުވާފަދަ ނުރައްކާތެރި ބަސްފުޅެއްކަމަށް އެސިޓީ ފޮނުއްވި ދެ މެންބަރުންކަމަށްވާ އެލިސާ ސްލޮކްޓިން އާއި މިކީ ޝިރިލް ވިދާޅުވި އެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި ސިޔާސީ ވާދަވެރިކަމުގައި އެމެރިކާގެ އެތެރޭގެ ކަންކަން ގަބީލާ ތަކުގައި އޮންނަ ފަދަ ނާތަހުޒީބީ ވާދަވެރި ކަމަކަށް ބަދަލުވެ އެމެރިކާގެ މުޅި ނިޒާމަށް ސިޔާސީ އަސަރު ފޯރައި އެމެރިކާ ލަދުގަންނަން ޖެހޭވަރަށް އެމެރިކާގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލިފައިވާކަން އެދެ މެންބަރުން ފާހަކަ ކުރެއްވި އެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޕާޓީ ވާދަވެރިކަންވަނީ ގަބީލާތަކުގެ ހާލަތަށް ގޮސްފައި

އެމެރިކާގެ މައި ދެޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރިކަން މިހާރުވަނީ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ގޯސްކަމެއް ކުރިނަމަވެސް އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި އެކަން ދިފާއުކުރާ ހާލަތަށް ގޮސްފައި ކަމަށާ މިއީ ޑިމޮކްރެޓިކް އުސޫލަށް ހިންގާ ސިޔާސީ ޕާޓީތަކުގައި މެދުގައި އޮންނަންޖެހޭ ޑިމޮކްރަސީގެ ވާދަވެރިކަން ނޫންކަމާ އެއީ ގަބީލާތަކުގެ ތެރޭގައި އޮންނަ ހަމައެއް ލަމައެއްނެތް ވާދަވެރިކަންކަން އެމެރިކާގެ ސިޔާސީ މުފައްކިރުންނާއި މުހައްލިލުން ފާހަގަ ކުރައްވައެވެ.

ޓްރަމްޕްގެ ގިނަ ސަޕޯޓަރުންނަކީ ހަރުކަށި ފިކުރުގެ ދޮންމީހުން

އެމެރިކާގައި ޓްރަމްޕަށް ސަޕޯޓް ކުރާ މައިގަނޑު ބަޔަކީ ނަސްލީ އިމްތިޔާޒުގެ ފިކުރު ގެންގުޅޭ ދޮން ނަސްލުގެ ހަރުކަށި ވިސްނުމުގެ މީހުންނެވެ. އެމީހުންނަކީ އެމެރިކާއަކީ ހަމައެކަނި ދޮންމީހުންގެ ގައުމެއްކަމާއި އެމެރިކާގައި ދޮން މީހުންނަށް ނޫނީ ފުރުސަތު އޮވެގެން ނުވާނެކަމަށް ދެކޭމީހުންނެވެ. އަދި ދޮން ނޫން ނަސްލުތަކުގެ މީހުންނަކީ ހިޖުރަކޮށްގެން އެމެރިކާއަށް ވެރިވެގަނެގެން އުޅޭ މީހުން ކަމަށް ވެސް ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ގިނަބަޔަކު ދެކެ އެވެ.

ނަމަވެސް އެމެރިކާގެ ދޮން މީހުންނަކީ ވެސް އެމެރިކާގެ އަސްލު ރައްޔިތުންނެއް ނޫނެވެ. އެމީހުންނަކީ ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ހިޖްރަކޮށްގެން އުޅޭ މީހުންނެވެ. އެމެރިކާގެ އަސްލު ރައްޔިތުންނަކީ ރެޑްއިންޑިއަން ދަރިކޮޅުގެ މީހުންނެވެ. އެމެރިކާގެ އާބާދީގައި 330 މިލިޔަން މީހުން ހިމެނޭއިރު އޭގެތެރޭގައި އަދިވެސް ގިނައީ ދޮން ނަސްލުގެ މީހުންނެވެ. ދޮން ނަސްލުގެ މީހުންގެ ނިސްބަތަކީ 64 އިން ސައްތައެވެ. (ނޫސްއެޖެންސީތައް)