12 Jan 2012, 18:22
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ރާއްޖޭގެ މީޑިޔާތަކަށް ބިރު ދެއްކި މައްސަލަ ތަހުގީކޮށް ފިޔަވަޅު އަޅައިދިނުން އެދި ގައުމީ ޕާޓީން ފުލުހުންނަށް ހުށައަޅައިފި އެވެ.
ގައުމީ ޕާޓީން ފުލުހުންނަށް ހުށައެޅި މައްސަލައިގާ ބުނަނީ ޕްރެސް ސެކްރެޓަރީ ޒުހައިރު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އަދި ތަފާތު ފަހަރުމަތިން ނޫސްވެރިކަމުގެ އަސާސީ ހައްގަށް އުނިކަން އަންނަ ގޮތަށް ބިރުދެއްކުމުގެ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކަން ތަހުގީގުކޮށްދެއްވުން އެދޭ ކަމަށެވެ.
ގައުމީ ޕާޓީން ހުށައެޅި މައްސަލައިގާ އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީގެ ހައިސިއްޔަތުން ޒުހައިރު، ޤާނޫނު އަސާސީގައި ޙިމާޔަތްކުރުން ލާޒިމުކޮށްފައިވާ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަނެ ބިރުދެއްކެވި އިރު ޤާނޫނު އަސާސީގައި ބަޔާންވެފައިވާ މިފަދަ ޙައްޤުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ އެންމެ އިސްފަރާތަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސު ނަޝީދު ކަމަށެވެ.
ނަމަވެސް ޒުހައިރު، 11 ޖެނުއަރީ 2012 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސެއްގަ އާއި އަދި ތަފާތު އެކި ފަހަރު މަތިން، ނޫސްވެރިކަމުގެ އަސާސީ ހައްގަކަށް އުނިކަން އަންނަ ގޮތަށް، ބިރު ދެއްކުމުގެ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި އެގޮތުން ނޫސްވެރިންނާއި މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ޚަބަރު ފެތުރުމަކީ ޖަރީމާޢެއް ކަމަށް ސިފަވާ ގޮތަށް ނުރައްކާތެރި އިންޒާރު ދެއްވަމުން ގެންދަވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޕްރެސް ސެކްރެޓަރީ ޒުހައިރު ދެއްކެވި ވާހަކަފުޅާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އެމްޖޭއޭ އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް ދެއްކެވީ މިނިވަން މީޑިއާ އަށް ހުރަސް އެޅުވުއްމުގެ ބޭނުމުގައި ނޫން ކަމަށާއި ނަމަވެސް މީޑިއާ އިން ކުރާ ކަމެއް ވެސް ޖަރީމާއަކަށް ބަދަލުވާ ހިސާބުން ފިޔަވަޅުއްވާނެ ވާހަކަ ކަމަށެވެ.