އދ. ދަނގެތީ ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ދެ ނަރުހުން މާލެ ގެނައުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ރަށުގެ ރައްޔިތުން ހެލްތު ސެންޓަރު ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ކޮންޓްރޯލު ނުކުރެވޭ ވަރަކަށް ވައިރަސް ފެތުރެމުންދާތީ އަތޮޅުތެރެއިން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ގެނައުމަށް މަސައްކަތް ކުރާ ކަމަށް ވަނީ ދާދި ފަހުން މިނިސްޓްރީއިން އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ދަނގެތީ ކައުންސިލު މެމްބަރު މުހައްމަދު ރަމްޒީ ވިދާޅުވީ އަތޮޅު ކައުންސިލުން ވަނީ ދަނގެތީގައި މަސައްކަތްކުރާ ނަރުހުނުން މިއަދުގެ ވަގުތެއްގައި ގެންދާނެ ކަަމަށް ބުނެފައި ކަމަށެވެ.

"މިތަނުގައި ދެ ބޭރު ނަރުހުން މަސައްކަތް ކުރޭ. ކޮންމެ ގޮތެއް ހަދާފައިވެސް މާދަމާ އެމީހުން ގެންދާނެ ކަމަށް ބުނެފައިވަނީ،" ރަމްޒީ ވިދާޅުވި އެވެ.

އެހެންނަމަވެސް ރަށުގެ ރައްޔިތުންނާއި ނަރުހުންވެސް މާލެ ދާން ބޭނުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރަމްޒީ ވިދާޅުވީ، އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުންތަކެއް ރަށުގެ ސިއްހީ މަރުކަޒު ސަރަހައްދަށް ރޭ އެއްވެ ނުރުހުން ފާޅުކުރި އެވެ. އަދި ނަރުހުން ނުގެންދެވޭނެ ކަމަށް ބުނެ ރައްޔިތުން ނުރުހުން ފާޅުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއާ ގުޅިގެން ސިއްހީ މަރުކަޒު ބަންދު ނުކުރެވި ބަހައްޓަން ޖެހުނެވެ.

ރައްޔިތުން، ނަރުހުން ރަށުން ގެންދިޔުމާ ދެކޮޅުވާ ސަބަބާ މެދު ވާހަކަދައްކަވަމުން ރަމްޒީ ވިދާޅުވީ އެ ދެ ނަރުހުންނަކީ ވެސް ވަރަށް ރަނގަޅު ދެ ނަރުހުން ކަމަށެވެ. އަދި އެ ދެ ނަރުހުން ގޮސްފި ނަމަ އެ ފެންވަރުގެ ދެ ނަރުހުން އެތަނަށް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދެން އޭގެ ބަދަލުގައި ދިވެހި ދެ ނަރުހުން ބަހައްޓާ ވާހަކަ ކިޔާ. އެކަމު އެ ނަރުހުން ނުތިބޭނެ ދެ ވަރަކަށް ހަފްތާއަށްވުރެ ގިނަ ދުވަހު. މިހާރު ތިބި ނަރުހުންގެ ފެންވަރުގެ ނަރުހުންނެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.