12 Jan 2012, 17:44
ކެމްބްރިޖް ސެކަންޑަރީ ވަން ޗެކްޕޮއިންޓް އެގްޒާމުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ކެމްބްރިޖް ސެކަންޑަރީ ވަން ޗެކްޕޮއިންޓް އެގްޒާމަކީ އުމުރުން 11 އަހަރާއި 14 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އަމާޒްކޮށްގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ އިމްތިހާނެކެވެ. އިމްތިހާނުގައި ހަދަން ޖެހޭނީ އިނގިރޭސި އާއި ހިސާބުގެ އިތުރުން ސައިންސްގެ ތިން މާއްދާ އެވެ.
ބިލަބޮންގް ގެ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވީ ރާއްޖޭގެ ސްކޫލް ތަކުގެ ތެރެއިން ބިލަބޮންގްގެ 17 ކުއްޖަކު ފުރަތަމަ ފަހަރަށް އެ އިމްތިހާނުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އިމްތިހާނުގައި އިނގިރޭސިންނާއި ސައިންސު މާއްދާއިން އިމްތިހާނުން "އެކްސަލެންޓް" ހޯދައި ހިސާބުން "ވެރީ ގުޑް" ސްކޫލަށް ލިބުނު ކަމަށެވެ.
"ފަސްޓް ލޭންގްއޭޖް ދަރިވަރުންނާއި އެއް ހަމައަކަށް މި ސްކޫލް ދަރިވަރުންގެ ފެންވަރު ހުރިކަން ސާބިތުވެގެން ދިއުން އެއީ ދުނިޔޭގެ ނިސްބަތުން ވަރަށް މަތީ ކާމިޔާބީއެއް." ކުރިން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވެވި ވަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމްތިހާނުގެ ސަބަބުން ބިލަބޮންގްގެ ދަރިވަރުންނަށް ގިނަގުނަ ފައިދާ ތަކެއް ލިބިގެންދިޔަ ކަމަށާއި ދަރިވަރު ކިޔަވަމުން އަންނަ މާއްދާތަކުގެ ވަކިވަކި މައުލޫތަކާއި އަދި ބޭނުންވާ ހުނަރުތަކުން ހާސިލްވެފައިވާ މިންވަރާއި ރަނގަޅު ކުރަންޖެހޭ ދާއިރާތައް އެނގުނު ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ކެންގަރޫ ކިޑްސް އެޑިއުކޭޝަން ލިމިޓެޑްގެ ދަށުން ހިނގަމުން އަންނަ ބިލާބޮންގްއަކީ 500 އަށްވުރެ ގިން ކުދިން ތައުލީމް ހާސިލްކުރަމުންއަންނަ އަމިއްލަ ސްކޫލެކެވެ.