29 Aug 2020, 21:47
ބައެއް މީހުން މާސްކު ނާޅައި، ގައިދުރުކަމެއް ނެތި އިއްޔެ އިދިކޮޅުން ބޭއްވި މުޒާހަރާއާ ގުޅިގެން އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އެޗްޕީއޭގެ އެންގުމާ ހިލާފަށް އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި އެއްވުން ބޭއްވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފީޕީއެމް އިން މިރޭ ބުނީ، އިއްޔެގެ އެ ކޯލިޝަނުން ބޭއްވި މުޒާހަރާއާ ގުޅުގެން ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިހާރު ޗިޓް ފޮނުވައިފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ ރޭ ހަތެއް ޖަހާއިރަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝުޖާއު ފުލުސް އޮފީހަށް ހާޒިރުވާން އެންގި އިރު، އިއްޔެގެ މުޒާހަރާގައި އޭނާ ރަނގަޅަށް މާސްކު ނާޅާ ހުރިކަން ފޮޓޯތަކުން ފެނެއެވެ.
މާލޭގައި ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެންނަމުންދާއިރު، އިސްބޭފުޅުންތަކެއް ނުކުމެ މި ދަނޑިވަޅުގައި މުޒާހަރާ ކުރުމުން އެކަމާ ހިތާމަ ކުރައްވާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވިއެވެ.
ސިއްހީ ކުއްލި ނުރައްކާތެރި ހާލަތު އިއުލާންކޮށް، އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައިހަތަރު މީހުންނަށްވުރެ ގިނައިން އެއް ނުވުމަށާއި މާސް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
އިދިކޮޅުން އެއްވުން ބާއްވާފައި މި ވަނީ ފުލުހުންވެސް މިފަދަ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. ނަމަވެސް މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި ނުވެއެވެ.