މިއަހަރުގެ ޑިސެމްބަރުގެ ފުރަތަމަ ދުވަހާ ހަމައަށް ދާއިރު އެމެރިކާއިން އެކަނިވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު 300،000 އިން މަތިވާނެ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން އެކުލަވާލާފައިވާ ޕްރޮޖެކްޓައިލް އިން ދައްކާގޮތުގައި މިއަހަރުގެ ޑިސެމްބަރު ފެށޭއިރު އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 317،312 އަށް އަރާނެއެވެ.

އެ ޔުނިވާސިޓީއިން ބުނާގޮތުގައި ކުރިއަށް އޮތް ތިން މަހުގެ މުއްދަތުގައި އެކަނިވެސް 136،000 މީހުން މަރުވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މާސްކް އަޅާ މިންވަރު އިތުރުކޮށްފިނަމަ އެ ވައިރަސް އިން ސަލާމަތްވާނެ މީހުންގެ އަދަދޔ ގާތްގަނޑަކަށް 60،000 އަށް އަރާ ކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.

އެމެރިކާއަކީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ގައުމެވެ. އެގޮތުން އެމެރިކާއިން އެކަނިވެސް ކޮވިޑް-19 އަށް ޕޮޒިޓިވް 6.1 މިލިއަން ކޭސް ވަނީ ފެނިފައެވެ. އަދި އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އެމެރިކާއިން އެކަނިވެސް 200،000 އާ ވަނީ ގާތްކޮށްފައެވެ.

ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 24.8 މިލިއަނަށް އަރާފައެވެ. އަދި އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 838،000 އަށް އަރާފައެވެ.