އިސްލާމް އާބާދު (ޖަނަވަރީ 12) : ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރުތަކާއި އެޤައުމުގެ ސަރުކާރާ ދެމެދު ގުޅުންތައް ގޯސްވެފައިވާކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށް ރައީސް ޢާސިފް ޢަލި ޒަރުދާރީ ކުއްލި އަކަށް ޤައުމުން ބޭރަށް ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ މީޑިޔާ ބުނިގޮތުގައި ރައީސް ޒަރުދާރީ ވަޑައިގެންނެވީ ކުއްލި ދަތުރުފުޅެއްގައި ދުބާއި އަށެވެ. ޕާކިސްތާން ސިފައިންނާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ ސަރުކާރު ވައްޓާލައި ޢަސްކަރީ އިންޤިލާބެއް ގެންނަން މަސައްކަތް ނުކުރުމަށްއެދި އެމެރިކާ މެދުވެރިކޮށް ޕާކިސްތާން ސަރުކާރުން އެޤައުމުގެ ސިފައިންގެ ލަޝްކަރުތަކަށް އިލްތިމާސެއް ކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ފެންމަތިވުމާގުޅިގެންނެވެ.

ޕާކިސްތާނުގެ ޓީވީ ސްޓޭޝަންތަކުން ފުރަތަމަ ފެތުރި މިޚަބަރު މިހާރުވަނީ ދުނިޔޭގެ މީޑިޔާއާ ހަމައަށްވެސް ގޮސްފައެވެ. މިޚަބަރުތައް ބުނާގޮތުން ޕާކިސްތާން ސަރުކާރުގެ އެދުމުގެމަތިން، އެމެރިކާ ގެންދަނީ ޕާކިސްތާނުގައި ޢަސްކަރީ އިންޤިލާބެއް ގެންނައުމަށް ހުރަސްއަޅަމުންނެވެ.

1999 ވަނައަހަރު އޭރުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ސަރުކާރާއި ޕާކިސްތާނުގެ ސިފައިންނާ ދެމެދު އުފެދުނުފަދަ ނުތަނަވަސްކަމެއް މިހާރު މިދެފަރާތުގެ ދެމެދުގައި އުފެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެނުތަނަވަސްކަމާގުޅިގެން ޕާކިސްތާން ސިފައިންގެ އޭރުގެ ވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝައްރަފްވަނީ ޢަސްކަރީ އިންޤިލާބެއް ގެންނަވައި ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލެއްވުމަށްފަހު ޝަރީފް ޖަލަށްލާފައެވެ.

ޒަރުދާރީއަށް ދާދިފަހުން ކުރިމަތިވި ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅިގެން އޭނާ ޕާކިސްތާނުގެ ހޮސްޕިޓަލަކުން ފަރުވާނުހޯއްދެވީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށް މިދިޔަ ޑިސެމްބަރމަހު ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވިދާޅުވެފައިވެއެވެ. ނަމަވެސް ޒަރުދާރީގެ ފުރާނައަށް ނުރައްކާ އޮތީ ސިފައިންގެ ފަރާތުންކަން ގީލާނީ ހާމައެއް ނުކުރައްވައެވެ. -- ރޮއިޓާސް