ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ ސަރަހައްދުގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތަނަށް ވަޑައިގެން ޕީޕީއެމް އިން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖްތަކަށް ފާޑުވިދާޅުވީ، އެ ހަރަކާތުގެ ސަބަބުން ރައީސަށް ވަރަށް ބޮޑަށް އަސަރު ކުރުމުން ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަމާ އެކު ވެސް ރައްޔިތުން އިސްނަގައިގެން ސަރުކާރާ ދެކޮޅަށް ނުކުތީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމަށެވެ.

"އިއްޔެގެ ހަރަކާތުގެ ވާހަކަ ރައީސް ސޯލިހް ދެއްކެވީ އަޅުގަނޑުމެންނަށް އެނގެނީ އެ ހަރަކާތަކީ ރައީސް ސޯލިހްއަށް ވަަރަށް އަސަރުކުރި ހަރަކާތެއްކަން. އެއީ ރާއްޖޭގެ 160 އެއްހާ ރަށުގައި އެކީ އެއް ފަހަރާ މި ސަރުކާރަށް ނޫނެކޭ ބުނެ ހިންގި ހަރަކާތެއް އިއްޔެ ހިންގީ،" އަދުރޭ ވިދާޅުވި އެވެ.

އަލިފާން ހިނގި ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވަނިކޮށް ގައިދުރުކަން ނުބަހައްޓައި މާސްކު ނާޅައި އިދިކޮޅުން އެފަދަ ބޮޑު އިހުތިޖާޖެއް ބޭއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި މިދަނޑިވަޅު މިއީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންގެ ވައުދުތައް ނުފުއްދާކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ސަރުކާރަށް އަދުލް އިންސާފު ވެސް ގާއިމްނުކުރެވޭ ކަމަށެވެ. އަދި ޒުވާނުން މަގުމަތިކޮށް އިގްތިސާދު ފުނޑާލައި ދައުލަތުގެ ހަޒާނާ ދޮވެލައި ގައުމު އަޅުވަތިކަމަށް ގެންދަމުންދާ ކަމަށާއި އިހުތިޖާޖަށް މީހުން ނުކުތީ އެ ސަބަބުތަކާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރުކަންތައްތަކެއް ހުރީމާ މިއޮއް ކޮވިޑްގެ ހާލަތުގައި ވެސް މުޅި މާލޭގެ މަގުތަކަށް ޒުވާނުން ނުކުމެ ފުރާލީ. އެއީ އިބްރާހިމް މުހައްމަދު ސޯލިހްގެ ނުކުޅެދުންތެރިކަމާ ހުރެ. އެކަން އަމިއްލަފުޅަށް ރޭ އެ ގަބޫލްކުރެއްވީ. އެހެން ނޫން ނަމަ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭތަނަކަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގެން ކަމާ ނުގުޅޭ ވާހަކަ[ތަކެއް ނުދެއްކެވީސް]، އެކަމުން ސޯލިހްގެ ހިތަށް އަސަރުތަކެއް ކޮށްފައި ނެތް ނަމަ،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅުން ގައުމަށް ހެޔޮނޭދޭ ކަމަށް ރައީސް ދެއްކެވި ވާހަކައަށް ވެސް އަދުރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ފެބްރުުއަރީ މަހު ނުކުމެ އެކި ތަންތަނުގައި ހުޅުޖަހައި ދައުލަތުގެ މުދަލަށް ގެއްލުން ދިނީ ކޮން ގޮތަކުން ގައުމަށް ހެޔޮ އެދޭތީތޯ އަދުރޭ ސުވާލުކުރެއްވި އެވެ.

"އިދިކޮޅުގައި ތިބިއިރު ރާއްޖެ އިން ބޭރުގައި ތިބެގެން ރާއްޖެއަށް ފަތުރުވެރިން ނާންނަން ގޮވަމުން ދުނިޔޭގެ އެތަން މިތާނގައި ދުވީ އެއީ ކިހާވަރަކަށް ރައްޔިތުންނަށް ހެޔޮއެދިވަޑައިގެންތޯ. ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ވެގެން އީޔޫއަށާއި އެތަން މިތަނުގައި ސަލާން ޖަހަން އެކަން ކޮށްދޭތޯ ދުވީ އެއީ ދިވެހި ރާއްޖެއަށް ކިހާވަރަކަށް ހެޔޮ އެދިވަޑައިގަންނަވާތީތޯ." އަދުރޭ ވިދާޅުވި އެވެ.