29 Aug 2020, 16:33
ކޮވިޑް19 ގެ ކޭސްތަކަކާ ގުޅިގެން ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫ މޮނިޓަރިންއަށް ލައިފި އެވެ.
ކުޅުދުއްފުށި މޮނިޓަރިންއަށް ލީ އެ ސިޓީ އިން މާލެ ގެނައި ބަލިމީހަކު ކޮވިޑް19 އަށް ޕޮޒިޓިވުވުމާ ގުޅިގެން އެވެ. އެއާ އެކު، ރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީން މާލެ ގެނައި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެ ރަށުގައި ވަނީ މިހާރު ފަށައިފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސޕްިޓަލުން އިއުލާނެއް ނެރެ އަންގާފައި ވަނީ ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ނުކުންނަން ޖެހިގެން ނިކުންނަ ނަމަވެސް މާސްކު އަޅައި، ގައިދުރުކަން ބެހެއްޓުމަށެވެ.
ގދ. ތިނަދޫވެސް ވަނީ މޮނީޓަރިން އަށްލީ، މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވުމާ ގުޅިގެން އެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރޭގެ 6:00ގެ ނިޔަލަށް 7،469 މީހަކު ރާއްޖެެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ރޭގެ 6:00 ގެ ނިޔަލަށް ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވް 60 މީހަކު އެބަތިއްބެވެ.