ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އިންތިހާބީ ކެމްޕޭންތަކުގެ ފައިސާ އާއި މާލީ ކަންކަމުގެ ނިޒާމް ހަރުދަނާ އުސޫލުތަކެއްގެ މަތިން ބަލަހައްޓަން ޖެހޭ ކަމަށާއި އެކަމަކީ ދުޅަހެޔޮ ޑިމޮކްރަސީ އަކަށް ކޮންމެހެން ލާޒިމް ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

އިންތިހާބީ ކެމްޕޭންތަކުގައި ޕާޓީތަކުން ކުރާ ހޭދަތަކާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވެސް އިން ކުރި ސާވޭއަކަށް ފަހު މިއަދު އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން އިންތިހާބީ ކެމްޕޭންތަކުގައި ހޭދަކުރާ ފައިސާ އާއި މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ހެދުމަށް ފައިސާއާ ގުޅުން ހުރި ޝަރުއީ އޮނިގަނޑު ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.

އަދި ސިޔާސީ ކަންކަމުގައި އެކި އެކި ޕާޓީތަކުން ފައިސާ ހަރަދުކުރާ ގޮތް މިހާރަށް ވުރެ ހަރުދަނާކޮށް، ފައިސާ ހަރަދުކުރާ ގޮތް އެނގޭނޭ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ދިރާސާގައި ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ލިޔެކިޔުންތަކުގެ މައްޗަށް ބަލާފައިވާނެ ކަމަށެވެ. އަދި ބުނީ އެ ދިރާސާގެ ހޯދުންތަކަކީ ސިޔާސީ ޕާޓީތަކާއި އިންތިހާބީ ކެމްޕޭންތަކުގެ ފައިސާ އާއި މާލީ ކަންކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ ކަންކަމުގައި ބޭނުން ކުރެވޭނެ ހޯދުންތަކެއް ކަމަށެވެ.
އެ ޖަމިއްޔާ އިން އިތުރަށް ބުނީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް އެހީތެރިވާ ފަރާތްތަކާއި ހަރަދުކުރާ ފަރާތްތައް ރަސްމީކޮށް ހާމަކުރުން ލާޒިމުވާ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށާއި ސިޔާސީ ކަންކަމުގައި ހޭދަކުރަން ގެންގުޅޭ އާދަތައް ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން މީޑިއާތަކުން މޮނިޓާކޮށް އެކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ.