ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހެންވޭރު މެރިންޑްރީމުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްތަކުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

މެރިންޑްރީމު ބިލްޑިންގްގައި ޑޮލަރު އޭޓީއެމް ވެސް ބަހައްޓާފައި ހުރެ އެވެ. ރޭ އަލިފާނުގެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ހުންނަ ކެފޭއެއްގަ އެވެ. ކެފޭގައި ހިފި އަލިފާން، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އުރީދޫގެ ހެޑް އޮފީސް ހުންނަ، ސަންލީޓް ބިލްޑިން އަށް ވެސް ކުރި އެވެ.

އޭޓީއެމް ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅޭ ގޮތުން ބީއެމްއެލް އިންް ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހ. މެރިންޑްރީމްގައި ހުންނަ އެ ބޭންކުގެ އޭޓީއެމް ސެންޓަރު ބަންްދުކޮށްފައިވާ ކަމަށެވެ. އެޓީއެމް ސެންޓަރު ބަންދުކުރީ ކިހާ ދުވަހަކަށް ކަމެއް ނުބުނެ އެވެ.

ނަމަވެސް މާލޭގައި ހުރި އެ ބޭންކުގެ އެހެން އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން އަދި އެހެން މުއާމަލާތްތައް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އުރީދޫގެ ހެޑް އޮފީސް ހިންގާ އެ އިމާރާތުގެ އެކި ފްލޯތަކަށް އަލިފާނުގެ އަސަރުކުރި އެވެ. ރޭ 9:45 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރެވުނީ ދެ ގަޑިއިރުގެ މަސައްކަތުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ކެފޭ އެއްކޮށް އަނދާ ހުލިވެފައިވާ އިރު ސަންލީޓް ބިލްޑިންގެ ޓެރަސް ފްލޯ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.