29 Aug 2020, 08:44
ޖޯންސަން އެންޑް ޖޯންސަންގެ ކުންފުންޏެއް ކަމަށްވާ ޖެންސެން އިން ތައްޔާރު ކުރާ ކޮރޯނާވައިރަސް ވެކްސިން ޔޫރަޕްގެ ތިން ގައުމެއްގައި މި ހަފްތާ ތެރޭ ޓެސްޓު ކުރަން ތައްޔާރުވެއްޖެ އެވެ.
ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޖެންސެން އިން ކުރިއަށްގެންދާ އެ ވެކްސިންގެ ދެވަނަ ފިޔަވަހީގެ ޓެސްޓުތަކުގައި ބައިވެރިވާނީ އެގައުމާއި ނެދަލޭންޑްސް އާއި ޖަރުމަނުގެ 550 މީހެކެވެ. އަދި އެ ޓެސްޓުތައް ދެ މަހަށް ކުރިއަށްގެންދާނެ އެވެ.
މީގެ އިތުރުން ސްޕެއިންގެ ރިސާޗް ގުރޫޕުތަކަކުން ވެސް ދަނީ ކޮރޯނާވައިރަހުން ރައްކާތެރިވެވޭނެ ވެކްސިނެއް ތައްޔާރު ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭގެއިން އެއްވެސް ވެކްސިނެއް އަދި އިންސާނަކަށް ދީގެން ޓެސްޓު ކޮށްފައެއް ނުވެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި 150އަށް ވުރެ ގިނަ ކޮރޯނާވައިރަސް ވެކްސިން މިހާރު ތައްޔާރު ކުރަމުންދާ އިރު އޭގެ ތެރެއިން އަދި އިންސާނުންނަށް ދީގެން ޓެސްޓު ކުރަން ފަށާފައި ވަނީ 30 ވެކްސިނެކެވެ. އަދި ދުނިޔޭގައި މިހާތަނަށް 24 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 835,092 މީހަކު ވަނީ މަރުވެފަ އެވެ.