29 Aug 2020, 08:32
ކޮވިޑް19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި މުޒާހަރާއަށް ނުކުތުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ގޮވާލައިފި އެވެ.
އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ގައުމު ވިއްކާލުމާ ދެކޮޅަށް" މާލޭގައި ބޭއްވި ސައިކަލު ބުރުގައި ބައިވެރި، ރައީސް ވަހީދު ވަނީ ވާހަކަދައްކަވާފަ އެވެ. ބައެއް މީހުން މާސްކު ނާޅައި، ގައިދުރުކަމެއް ވެސް ނެތި ބޭއްވި އެ މުޒާހަރާއާ މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ވަހީދުވެސް ވާހަކަ ދެއްކެވިއިރު ހުންނެވީ މާސްކު ނާޅަ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީ މަޖިލިސް މެމްބަރުން ޓްވީޓް ކުރައްވާ ވިދާޅުވީ، ރައީސް ވަހީދު ދައުލަތުގެ އިނާޔަތްތައް ނަންގަވައިގެން ހުންނަވާ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލުމަށް މެމްބަރުން ވަނީ ގޮވާލައްވައިފަ ފައެވެ.
"ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ ގައިގޯޅިވެ އެއްވުން ބޭއްވުން ބަލައެއް ނުގަނެވޭ. ގައުމީ ޒިންމާ ނުއުފުލާ މިފަދަ ފަރާތްތަކުގެ އިނާޔަތް ކަނޑާލަން ޖެހޭ،" ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކޮވިޑް19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ދައުލަތުގެ އިނާޔަތް ނަންގަވައި ހުންނަވާ ބަލިމަޑުކަމެއް ތެރޭ ވަހީދު އިސްވެ ސިޔާސީ މަންފާއަށް އެއްވުންތައް ބޭއްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޮވިޑް19 ކޭސްތައް ގިނަވެ، މަރުވާ މީހުންގެ ޒިންމާ ނަގަނީީ ރައީސް ވަހީދުތޯ ރޮޒައިނާ ސުވާލު ކުރެއްވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ރައީސް ވަހީދަށް ރައްދު ދެއްވައި، ވިދާޅުވީ، ކުރީގެ ރައީސުންގެ އިނާޔަތަކީ ގައުމު ފަސާދަކުރުމަށް ދެވޭ އެއްޗެއް ނޫން ކަމަށެވެ.
"ބައެއް ގަޑިގަޑީގައި އެކަނި މީހަކު ސައިކަލު ދުއްވުން ވެސް މަނާކުރެވިފައިވާ އިރެއްގައި، ވަކިބަޔަކު ނުކުމެ ސިޔާސީ ގައިގޯޅި އެއްވުންތައް ބޭއްވުމަކީ އެޗްޕީއޭގެ އިރުޝާދަށް ބޯލަނބައިގެން އުޅޭ މީހުންނަށް ބޮޑު ބޭއިންސާފެއް،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެގެ ވާހަކަތަކަށް ތާއީދު ކުރައްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެކަން ސިފަ ކުރެއްވީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ، އެކަން ހުއްޓުވެން ޖެހޭ ކަމަށެވެ.
މިދަނޑިވަޅުގައި ރައީސް ވަހީދާއި އިދިކޮޅުން މުޒާހަރާއަށް ނުކުތުމުން އެމްޑީޕީ މެމްބަރުންގެ އިތުރުން ބައެއް އާންމުންވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި ރައީސް ވަހީދުގެ އިނާޔަތްތައް ކަނޑާލުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.
ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކަމަޑޭޝަނަށް 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ކޮންމެ މަހަކު ދެެ އެވެ.
އިދިކޮޅު މުޒާހަރާއާ ގުޅިގެން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްބޭފުޅުންތަކެއް ނުކުމެ މިފަދަ ހާލަތެއްގައި މުޒާހަރާ ކުރުމުން ހިތާމަ ކުރައްވާ ކަމަށާއި އެއީ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނަމަ އެކަން ނުކުރައްވާނެ ކަމަށެވެ.
ރައީސް ވަހީދާއި އިދިކޮޅު ކޯލިޝަންގެ ލީޑާޝީޕް ބޭފުޅުން ބެއްވި މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި، ގައިދުރުކަމެއް ނެތި، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ބުނަނީ، ގައިދުރުކާމާއި މާސްކު އެޅުން މަޖުބޫރު ވަނީ ވަކި ބަޔަކަށްހެން ހީވާ ކަމަށެވެ. އެ ފަރާތްތަކުން ހުއްޖަތެއްގެ ގޮތުގައި ދައްކަނީ، މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ފޮތެއް ނެރުއްވައި އޭގެ ޕްރޮމޯޝަން އެމްޑީޕީން ޖެއްސިއިރު، އެ އިވެންޓްގައި ރައީސް ނަޝީދާއި ބައެއް އާންމުން މާސްކު ނާޅައި، އެއްވެސް ކަހަލަ ގައިދުކަމެއް ނެތި ތިބި މައްސަލަ އެވެ. އެކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.