ރިސޯޓުތަކުގައި ރަލާއި އޫރުމަސް ވިއްކުމާއި ރިސޯޓުތަކުގައި ސްޕާތައް ހިންގުމާއި ބެހޭގޮތުން ގޮތެއް ކަނޑައެޅުމަށް ބަންޑާރަ ނައިބް އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ރާއްޖޭގައި ފަތުރުވެރީންނަށް ހިދުމަތްދޭ ތަންތާނގައި ހަމައެކަނި ޓޫރިސްޓުންނަށް ރަލާއި އޫރުމަސް ވިއްކަމުންދަނީ "ދިވެހިރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގާނޫނު"ގެ ދަށުން އިންތިޒާމުކޮށްފައިވާ އިސްތިސްނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ޓޫރިސްޓް ރިސޯޓުތަކުގައި ސުޕާ ހިންގުން މަނާކުރާ އެއްވެސް ގާނޫނެއް ނެތްކަމަށެވެ.

އެ މައްސަލަ ކޯޓަށް ބަލައި ނުގަތުމަށް ނީންމީ "ހުސޫމަތްތެރި" ދައުވާއެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅިފައި ނުވާތީ އާއި މިހާރު ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމުން ރާއްޖެއަށް އޫރުމަސް އެތެރެކޮށް ޓޫރިސްޓުންނަށް އޭގެ ހިދުމަތްދިނުމަށް ހުރަސްއަޅާ ގާނޫނެއް ނެތުމުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

"މިކަމުގައި ގާނޫނީގޮތުން ހައްލެއް ހޯދަންޖެހޭފަދަ ހުސޫމަތްތެރި ދައުވާއެއް ޝަރީއަތަށް ހުށަހެޅިފައި ނުވާތީ އާއި މި މައްސަލަ ދައުވާއެއްގެ ގޮތުގައި ބަލައިގަނެ މައުޟޫއީގޮތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.