މަތީ ތައުލީމުގައި ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރަން ސަރުކާރުގެ މާބޮޑު އެހީއެއް ނުލިބޭ ކަމަށް މަތީ ތައުލީމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދޭ ހަޔާ އެޑިއުކޭޝަން ކައުންސިލްގެ މެމްބަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ފަރާތުން ހަޔާ އެޑިއުކޭޝަން ކައުންސިލް ތަމްސީލްކުރައްވާ ޝަރީފް "ސަން" އަށް ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމު ކުރިއެރުމުގެ ގޮތުން ވޯލްޑް ބޭންކާ ގުޅިގެން 2011 ވަނަ އަހަރު ދިރާސާއެއް ކުރި ކަމަށާއި އެ ދިރާސާގައި ވެސް މަތީ ތައުލީމް ކުރިއެރުވުމުގެ ގޮތުން ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރަން ސަރުކާރުން އެހީތައް ދިނުމަށް ލަފާދީފައިވާ ކަމަށެވެެ.

އެގޮތުން ޕްރައިވެޓް ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުން ކިޔަވަން ދަރިވަރުންނަށް ސްކޯލަޝިޕްތައް ދިނުމަށް ލަފާދީފައިވާ ކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

ނަމަވެސް މިހާރު ވެސް ޕަބްލިކް ޔުނިވާސިޓީތަކަށް ބެޖެޓްދީފައި އޭގެ އިތުރުން އެ ޔުނިވާސިޓީތަކުން ދަރިވަރުންނަށް ސްކޮލަޝިޕްތައް ދޭތީ، ޕްރައިވެޓް ކޮލެޖުތަަކަށް އެއް އެއްހަމައެއްގައި ހިފަހައްޓާލަން އުނދަގޫވާކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.

"މިހާރު އަނެއްކާ އެބަ ހުޅުވާލާ ވަރަށް ބައިވަރު ސްކޮލަޝިޕްތައް. ހުރިހާ ދާއިރާތަކުން ކަަހަލަ ގޮތަކަށް. އެކަމަކު އެއަށް ވުރެ ރާއްޖޭގައި ކިޔެވަން ނެތް ދާއިރާތަކުން ދަރިވަރުންނަށް ބޭރަށް ކިޔެވުމުގެ ފުރުސަތު ދިނުން މާރަނގަޅު. މިހާރު ރާއްޖޭގެ ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ކުއްޖާ ވެސް ސްކޮލަޝިޕް ލިބޭތީ ވަގުތުން ބޭރަށް އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރައިވެޓް ކޮލެޖެއްގައި ކިޔަވަކިޔަވައި ހުންނަ ކުއްޖަކަށް ވެސް ބޭރުން ސްކޯލާޝިޕް ލިބުމުން ދެވޭ ގޮތަށް އޮތުމަކީ ވެސް ގޯހެއް ކަމަށެވެ.

ރާއްޖޭގެ ސްޕޯޓްސް ކްލަބުތަކަށާއި ސްކޫލްތަކަށް ބިން ދޫކުރާ އިރު ތައުލީމީ ދާއިރާގެ ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރުމަށް ބޭނުންވާ ބިން ނުލިބޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަތީ ތައުލީމްގެ ފެންވަރު ވަޒަންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަދި ވެސް މިނިވަން އިންސްޓްޓިއުޝަނަކަށް ނުވެއޮތުމަކީ ވެސް ޝަރީފްގެ ކަންބޮޑުވުމެކެވެ. އެ އިދާރާއަށް 20 އަކަށް އަހަރުވެފައިވާ އިރު އަދި ވެސް މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން އެކުލަވާލި މަތީ ތައުލީމާ ބެހޭ ބިލްގައި ވެސް އެމްކިއުއޭ ސީދާ މިނިވަންތަނެއްގެ ގޮތުގައި ކަނޑައަޅަށް ހިމަނާފައިނުވާތީވެ އެ ބިލް އިސްލާހުކުރަން ޕްރައިވެޓް ސެކްޓަރުން ވަނީ އެދިފަ އެވެ. ޝަރީފު ވިދާޅުވީ އެ ބިލް އިސްލާހު ކުރާ އިރު، ބިލް ރިޖެކްޓް ނުކޮށް، ކޮމެޓީ ސްޓޭޖުގައި ބިލް އިސްލާހު ކުރުން މުހިންމު ކަމަށެވެ. މަސަައްކްތް އަވަސްވެފައި ނަތީޖާ ނެރެވޭނީ އެ ގޮތުގައިކަން އޭނާ ފާހަގަ ކުރި އެވެ.

ޝަރީފް ވިދާޅުވީ މަތީ ތައުލީމް ކުރިއަރުވަން ކޮންސަލްޓެންޓުން ލަފާދީފައިވާ ގޮތަށް ކަންތައްތައް ދިޔަ ނަމަ ބޭރުގެ ގައުމުތަކުގެ ކުދިން ރާއްޖެއަށް ކިޔަވަން އަންނާނެ ކަމަށާއި އޭރުން ބޭރުގެ ބޮޑެތި ކުންފުނިތަކުން ވެސް ރާއްޖޭގެ ސަނަދު ގަބޫލުކުރާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެން ނޫން ކަމަށާއި މެލޭޝިއާ ފަދަ ގައުމުތަކުގައި މަތީ ތައުލީމު ބޮޑު އިންޑަސްޓްރީއަކަށް ވެގެން ދިޔަ އިރު ރާއްޖެއަށް ކުރިއަށް ދެވިފައިވާ ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އަޅުގަނޑުމެން ވެސް ވަކި ތަސައްވުރެއްގެ ދަށުން އެކަން ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.