29 Aug 2020, 02:07
މަސައްކަތް ކުރަނީ ފުރަބަންދަށް ނުގޮސް ކޮވިޑް 19 އިން އަރައިގަނެވޭތޯ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ މާލޭގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، މުޅި ގައުމު ބަންދުކުރަން ޖެހިއްޖެ ނަމަ ރައްޔިތުންނަށް އެތަކެއް އުދަނގޫތަކެއް ވާނެ ކަމަށާއި އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަނީ ވީވަރަކުން އެކަން ނުކޮށްވޭތޯ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މުޅި ލޮކްޑައުންއަކަށް ދިޔުން އެއީ ވަރަށް ބޮޑު ތަކުލީފްތަކެއް ރައްޔިތުންނަށް ޖެހޭނެ. އެހެންވީ ވީވަރަކުން އަޅުގަނޑުމެން މި ބަލަނީ މިކަމުން ސަލާމަތްވޭތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ނޫސްވެރިންނާ ވާހަކަ ދައްކަަވަނީ: --- ފޮޓޯ/ ޕީއެސްއެމް
ރައީސް ވިދާޅުވީ، އެހެން ނަމަވެސް ކޮވިޑް19އިން ރައްކާތެރިވުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
"މިކަމަށް އޮތް ހަމައެކަނި ހައްލަކީ އެޗްޕީއޭ އިން ދެއްވާ އިރުޝާދުތަކަށް ރައްޔިތުން އަމަލު ކުރުން. ގައިދުރުކުން، މާސްކު އެޅުވުން، ވީވަރަކުން އެކަހެރިކޮށް ގޭގައި ތިއްބެވުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އެ ހިސާބަށް [ފުރަބަންދުކުރަން] ދާން ޖެހިދާނެ. ދާން ޖެހިއްޖެ ނަމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ޖެހޭނީ ކުރަން ޖެހޭ ކަމެއް ކުރަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގައި އަދިވެސް ދުވާލަކަށް 100 އިން މަތން ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާ ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. އަދި މިހާލަތު އިތުރަށް ގޯސްވަމުންދާނަމަ، ފުރަބަންދަކަށްވެސް ދާނެ ޖެހިދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިއަދުވެސް ރާއްޖެއިން ވަނީ 140 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ. މިހާތަނަށް ޖުމްލަ 7،400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިއިރު، 4،873 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ، 28 އެވެ. އަދިވެސް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،568 އެވެ. އޭގެ ތެެރެއިން 192 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ.