29 Aug 2020, 01:46
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ދެ ރަދުން ފޮތް ނެރުމަށް ބޭއްވި އިވެންޓުގައި މާސްކު ނާޅުއްވާ އެމަނިކުފާނު ހުންނެވުމުން އެކަމާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދެއްވި އެވެ.
ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މަގުމައްޗަށް ނުކުންނައިރު އަދި މީހުން އެއްވެ އުޅޭތަން ތަނަަށް ދާއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ.
ދެރަދުން އެ ނަމުގައި ރައީސް ނަޝީދު ލިޔުއްވި ފޮތުގައި ސޮއިކުރެއްވިމަށް ސިޓްރޮންގައި ބޭއްވި ރަސްމިއްޔާތާއި އަދި އެދުވަހު އެހެން ބުކްޝޮޕްތަކުގައި ބޭއްވި އިވެންޓުގައިވެސް ރައީސް ނަޝީދު އިންނެވީ މާސްކް ނާޅުއްވަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުގައި ރައީސް ސޮއިކުރައްވަން އިންނަވާއިރު ރައީސްގެ ކައިރީގައި ތިބޭ މީހުންވެސް މާސްކު ނާޅާ ތިބޭތަން ފެނެއެވެ. މާސްކު ނާޅާ މީހުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ހިމެނިލައްވައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ވަޓްސްއަޕް ގްރޫޕްގައި ނޫސްވެރިއަކު ވަނީ ރައީސް ނަޝީދާމެދު ފިޔަވަޅެއް އެޅިތޯ ސުވާލުކޮށްފައެވެ.
"އެޗްޕީއޭގެ އުސޫލާ ހިލާފުވާ ސިޔާސީ ބޭފުޅުން ޖޫރިމަނާކޮށްފައިވޭތޯ؟ ކޮށްފައިވާނަމަ ކުރީގެ ރައީސްއެއް ނޫން މިނިސްޓަރަކު ކޮށްފައިވޭތޯ؟" ނޫސްވެރިޔާގެ ސުވާލުގައިވެއެވެ.
ނަމަވެސް އެ ސުވާލަށް ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
ރައީސް ނަޝީދުގެ އަމަލާމެދު ފުލުހުން ވަކި އެއްޗެއް ހާމަނުކުރިނަމަވެސް މިއަދު ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން މާސްކު ނާޅައި ތިބި މައްސަލަ ބަލަމުންދާކަމަށް ވަނީ ބުނެފައެވެ. މާސްކު ނާޅައި ހުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުވެސް ހިމެނިލައްވައެވެ.
މިއަދުގެ މުޒަހަރާއާ ގުޅިގެން ހޯމް މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ ގޮވާލައްވައިފައެވެ.