29 Aug 2020, 01:32
ކޮވިޑް19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވަރަށް އިސް ބޭފުޅުން މަގުމައްޗަށް ނުކުމެ، އެއްވުން ބޭއްވުމުން ހިތާމަ ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މިއަދު ހަވީރު އިދިކޮޅުން އެއްވެސް ގައިދުރު ކަމެއް ނެތި، މާސްކް ނާޅާ މާލޭގައި ސައިކަލް ބުރެއް ބާއްވާފައިވާތީ އެކަމަށް ފާޑުވިދާޅުވެއެވެ.
މިރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ވަގުތު ގައުމު އޮތީ ވަރަށް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެސަރަހައްދުގައި އަމަލީ ގޮތުން ބައިވެރިވާ މީހުން ފިޔަވާ އެންމެން ގެއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ރައީސް ވިދާޅުވީ، މިއަދު އިދިކޮޅުން މިފަދަ ބަލިމަޑުކަމެއް ތެރޭގައި އެއްވުމެއް ބޭއްވުމަކީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"ބަލި ފެތުރުމަށް ދިމާވާ އެެންމެ ބޮޑު އެއް މައްސަލައަކަށް ވަނީ އެންމެން އެއްތަނަކަށް އެއްވެ، ގައިގޯޅިވުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެއާ ހިލާފަށް އަމަލު ކުރާ މީހުން އެބަ ތިބި. މިގޮތަށް މި ދެންނެވީ މިކަމާ [އަލިފާނުގެ ހާދިސާއާ] ގުޅިގެންއެއް ނޫން. އެއީ ހުރިހާ ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު މިވަގުތުގައިވެސް ދަންނަވަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
"ވަރަށް ހިތާމަ ކުރަން މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ތެރޭ ތިބެއްވި ވަރަށް އިސްބޭފުޅުން، ނުކުމެވަޑައިގެން މަސްކުވެސް ނާޅުއްވާ ރައްޔިތުންގެ އެތަށް ބަޔަކާއެކު އެއްވުމުން،"

ރައީސް ސޯލިހް: އިސްބޭފުޅުން ނުކުމެ މުޒާހަރާ ކުރުމުން ހިތާމަ ކުރާ ކަމަށް ވިދާޅުވި ---
ރައީސް ވިދާޅުވީ، އެއީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުގައި އޮންނާނެ ކަމަށާއި އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ޒިންމާދާރުކަމެއް ނެތި އެފަދަ އެއްވުމެއް ބޭއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންވެސް ބައިވެރިވި އެ ސައިކަލު ބުރަށް ފުލުހުން ވަނީ ޖާގަ ދީފައެވެ. އެއްވުން ބާއްވާފައި ވަނިވެސް ފުލުހުން އެކަން ނުކުރަމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ.

ރައީސް ސޯލިހް އަލިފާނު ހިނގި ސަރަހައްދަށް ވަޑައިގެން -- ސަން ފޮޓޯ
އެ މުޒާހަރާއަށް ފުލުހުން ފުރުސަތު ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ފުލުހުން އަބަދުވެސް އިލްތިމާސް ކުރަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވުމަށް ކަމަށާއި އެ ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ، ގާނޫނުގައިވާ ގޮތަށް ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ގާނޫނުތައް މުގުރާލާފައި އެޗްޕީއޭ ގައިޑްލައިންއާ ހިލާފަށް އެއްވެސް އަމަލެއް ކުރުމަށް ފުލުހުން ފުރުސަތު ނުދޭނެ. މިއަދަކުވެސް ނުދޭނަން. އެހެން ނަމަވެސް މަސްލަހަތައްޓަކައި އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައީ. ގަވައިދާ ހިލާފަށް އަމަލު ކުރަމުން ދިޔަ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން، ފުލުހުން އަޅަމުން ގެންދާނަން،" އެއްވުމަށް ފުރުސަތު ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވިއެވެ.
ފުލުހުން މިރޭ ބުނެފައި ވަނީ، މާސްކު ނަޅާ ގައިދުރު ކަމެއް ނެތި މުޒާހަރާ ކުރި މައްސަލަ ބަލަމުންދާ ކަމަށާއި އެއަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
މާލޭގެ ދުވާލެއްގެ މައްޗަށް 100 އިން މަތިން ކޮވިޑް ކޭސްތައް ފެނުންމުންދާ މި ދަނޑިވަޅުގައި އިދިކޮޅުން މުޒާހަރާ ކުރުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ.