29 Aug 2020, 08:24
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖެ އޮފީސް ކައިރީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން ފަށައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ރާއްޖެޓިވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު ފުލުހުން ދެން ބަލާނީ އެމްއެންޑީއެފްއާ ފަޔާ އެންޑް ރެސްކިއުއާ ގުޅިގެން އެ ހާދިސާގެ ތަހުގީގު ހިންގަން ކަމަށެވެ.
"ފުލުހުންގެ ތަހުގީގު ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ސީނިއާ މުވައްޒަފުންނާ މިތަނުގައި ބައްދަލުވެފަ މަޝްވަރާކުރެވިފައިވަނީ. ތަހުގީގުގެ ހަރަކާތްތައް މިހާރު ހިނގަން ފަށާފައިވަނީ،" ހަމީދު ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އާންމުން އެއްވެ ނޫޅުމަށް އަންގާފައި އޮތް ނަމަވެސް އަލިފާނުގެ ހާދިސާ ހިނގިތަނަށް ގިނަ ބަޔަކު ރޭވެސް ޖަމާވި އެވެ.
ހަމީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހިމެނޭ ބައެއް ގެތަކުގެ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ބައިބަޔަށް ތިބުމުގެ އިތުރަށް ކުޅި ބަލަން ވެސް އެ ސަރަހައްދަށް މީހުން އެއްވި ކަމަށެވެ. އެކަމަކު އެ މީހުން އެ ހިސާބުން ދުރުކުރިކަމަށް ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.
އެމްއޭސީއެލް އަދި އެމްއެންޑީއެފްގެ ފަޔާ ފައިޓާ ޓީމްތަކުން އަލިފާންގަނޑު ނިއްވުމުގައި އުޅުނުއިރު އެބޭފުޅުން މަސައްކަތްތައް ކުރާއިރު ފަސޭހަ ވާނެގޮތަށް މީހުންގެ އަމަލުތައް ބެހެއްޓުމަށް ވެސް ހަމީދު އިލްތިމާސްކުރެއްވި އެވެ. އަދި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ ގަޑީގައި މަގުމަތީގައި ނޫޅުމަށްވެސް ހަމީދު ހަނދާންކޮށްދެއްވި އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ، 11:34 ކަންހާއިރު އެވެ.
ރޭ ފުރަތަމަ އަލިފާން ރޯވީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޮފީސް ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްއާ އިންވެގެން ހުރި ކެފޭއެއްގަ އެވެ. ކެފޭ އެއްކޮށް އެނދިއިރު އަލިފާންގަނޑު ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެކި ފަންގި ފިލާތަކަށްވެސް ފެތުރުނެވެ. އޭގެ އިތުރުން ކެފޭއާ އިންވެގެން ހުރި މަނީ އެކްސްޗޭންޖް މަސައްކަތް ކުރާ ތަނެއްގައިވެސް ރޯވި އެވެ.
ރޭގެ އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތްވި އެވެ.