29 Aug 2020, 08:35
ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރާ އެކު އެންމެންގެ އަމާޒު ހުއްޓިފައި ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯޓީއަށެވެ.
އާންމުންގެ ނަފްރަތާއި ރުޅިވެރިކަން ރިއާ އާ ކުރިމަތިލާންޖެހިފައިވާ އިރު މީޑިއާތަކުން ވެސް މިވަނީ ރިއާ ހޫނު ފެނަށް ވަށްޓާލައިފަ އެވެ. ސުޝާންތުގެ މަރާ އެކު އެންމެ ގިނަ ތުހުމަތުތަށް ކުރެވިފައި ވަނީ ރިއާ އަށެވެ. ސޯޝަލް މީޑިއާގައި އާންމުންގެ ނުރުހުން ރިއާއަށް ކުރިމަތިލާންޖެހުނުއިރު ސުޝާންތުގެ ބައްޕަ ރިއާއަށް ކުރި ތުހުމަތުތަކުން މީޑިއާ ކެކިގަތެވެ. ރިއާގެ އިންޓަވިއުއެއް ލިބޭތޯ މީޑިއާތަކުން އިންތިޒާރުކުރި އެވެ. ސުޝާންތުގެ ފްލެޓްމޭޓުންގެ އިންޓަވިއުތަކާއި އޭނާގެ ރަހުމަތްތެރިންގެ އިންޓަވިއުތައް މީޑިއާތަކުގައި ފެތުރުނުއިރު ބުރާސްފަތި ދުވަހާ ހަމައަށް އެއްވެސް މީޑިއާއަކަށް ރިއާގެ އިންޓަވިއުއެއް ލިބިފައެއް ނުވެ އެވެ.
ރިއާ އިންޓަވިއު ދިނީ ރުފިޔާ ދީގެން ވަކި ޗެނަލް ތަކަކަށް ކަމަށް ޚަބަރުތައް ބުނެ އެވެ. ދެތިން މީޑިއާއަކަށް ރިއާ އިންޓަވިއުދިން އިރު މީގެ ކުރިން ރިއާ ޑައިރެކްޓަރަކާ ގުޅައިގެން "ފްރެންޑްލީ މީޑިއާ" ހޯދަން މަސައްކަތްކުރި ކަމަށް އޭރު ހަބަރު ފެތުރުނެވެ. ކޮންމެއަކަސް ރިއާގެ އިންޓަވިއު މި ލިބުނީ އޭނާގެ ޓީމު ގަނެލި މީޑިއާތަކަށެވެ.
އެ އިންޓަވިއުތަކުގައި ރިއާ ބުނީ ސުޝާންތު ދެކެ އޭނާ ހަގީގީ ލޯބިވި ކަމަށާއި އެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ނުވާނެ ކަމަށެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެކަމަށް އޭނާ އިންސާފު ބޭނުންވާ ކަމަށެވެ. ރިއާ ސުޝާންތު ދެކެ ލޯބިވާކަމަށް ބުނިއިރު އޭނާ ވަނީ އެ އިންޓަވިއުތަކުގައި ސުޝާންތަށާއި އޭނާގެ އާއިލާ އަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ. ސުޝާންތަކީ ޑުރަގު އެޑިކްޓެއް ކަމަށް ބުނެ އާއިލާ މީހުން ސުޝާންތަށް އަޅައި ނުލާކަމަށް ބުނެ ވާހަކަ ދައްކާފައިވެ އެވެ.
ރިއާގެ އިންޓަވިއު ގަނެފައިވާ ކަމަށް ބުނެ ގިނަ މީޑިއާތަކުން ރުޅިވެރިކަން އަންނަނީ ފާޅުކުރަމުންނެވެ. އެ މީޑިއާތަކުން ބުނާގޮތުގައި އެ އަމަލީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ނޫސްވެރިންނަށް ވެސް އެ މީޑިއާތަކުގެ ސަބަބުން ހުތުރު ނަމެއް ލިބެމުންދާ ކަމަށެވެ. އަދި ރިއާ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނަމަ ވަކި މީޑިއާތަކެއް ހޮވާލެވިގެން އިންޓަވިއު ނުދޭނެ ކަމަށާއި ކޮންމެ މީޑިއާއަކަށް ވެސް އޭނާ އިންޓަވިއު ދޭން ތައްޔާރަށް ހުންނާނެ ކަމަށެވެ. އެ އިންޓަވިއުއަށް ފަހު މީޑީއާތަކާ އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.
ރިއާގެ ޓީމުން ބުނަނީ މީޑިއާތަކުން ފަތުރަނީ ދޮގު ހަބަރުކަމަށެވެ. އަދި "މީޑީއާ ޓްރައިލް" ޖައްސަމުން އަންނަ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާގެ ޓީމުން ވަނީ ބުނެފަ އެވެ.
ބަތަލާ ރިއާއަށް ގިނަ ބައެއްގެ ނަފުރަތާ ކުރިމަތިލާންޖެހުނުއިރު އިއްޔެ ސީބީއައި އިން ވަނީ އަށް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ރިއާ އާ ސުވާލުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް މިހާރު ޑުރަގުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވެ އެވެ.
ރިއާ ބުނީ އެއްވެސް ހަގީގަތެއް ނެތި އޭނާގެ މައްޗަށް އެތައް ތުހުމަތެއްކޮށް ލޯބިވެރިޔާ ސުޝާންތު މަރާލި ކަމަށް ބުނެ އަޅުވާފައިވާ ތުހުމަތުގެ ސަބަބުން އޭނާ އާއި އާއިލާ ވެސް ބޮޑު ލަދެއްގައި ބެދި މުޅި އާއިލާ ވެސް ބިރުވެރިކަމެއްގެ ތެރޭގައިވާ ކަމަށެވެ.