28 Aug 2020, 22:15
މިއަދު ވެސް 140 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނައީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ. ސަތާރަ ބަންގަލަދޭޝް މީހުން ހިމެނޭއިރު ދެން ހިމެނެނީ އިންޑިއާގެ ތިން މީހުނާއި ނޭޕާލްގެ އަދި ޔޫއޭއީގެ ދެ މީހުންގެ އިތުރުން ކެންޔާއާއި ފްރާންސް އިން ކޮންމެ ގައުމަކުން އެކަކު އެވެ.
ސަތޭކަ ސާޅީސް މީހުން ޕޮޒިޓިވްވެފައި މި ވަނީ 1021 ޓެސްޓް ހަދައިގެންނެވެ. އޭގެ ތެރޭގައި ރިޕީޓެޑް ޓެސްޓް ވެސް ހިމެނެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ 134 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އަނެއް ހަ މީހުންނަކީ ރިސޯޓްތަކާއި ރަށްތަކުގައި ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން އެނގެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 7،469 އަށް ވަނީ އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 4،873 އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 182 މީހުން ހިމެނެއެވެ.
ހޮސްޕިޓަލުގައ ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 192 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،426 އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ.