12 Jan 2012, 15:32
ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުން ރާއްޖެއާ ދޭތެރޭ ދެކޭގޮތް ބެލުމުގެ ބޭނުމުގައި ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "މޯލްޑިވެސް ވިޒިޓާ ސާވޭ 2011"ގެ ރިޕޯޓް މިއަދު އިފްތިތާހުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާއްމުކުރި ރިޕޯޓުން ދައްކާ ގޮތުން ފާއިތުވި އަހަރު ރާއްޖެ އަށް އެއްމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ފާއިތުވި އަހަރު ޗައިނާ އިން 160،186 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ފާއިތުވި އަހަރު ރާއްޖެ އަށް 845،732 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އިރު އޭގެ 64 ޕަސެންޓް ޓޫރިސްޓުން ޒިޔާރަތްކުރީ ޗުއްޓީ ހޭދަކުރުމަށެވެ. އަދި 20 ޕަސެންޓް ޓޫރިސްޓުން ހަނީމޫނަށް ރާއްޖެ އަށް ޒިޔާރަތް ކުރި އިރު 10 ޕަސެންޓް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޑައިވިން ކުރުމަށް ކަމަށް މިނިސްޓްރީގެ ރިޕޯޓު ބުނެ އެވެ.
މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުން ރާއްޖެ އަންނަ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ކުރިން ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވާ ޓޫރިސްޓެކެވެ. އަދި ފައިތުވި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓުރިސްޓުންގެ 88 ޕަސެންޓް މީހުން ރާއްޖެ އަންނަ މަގުސަދު ހާސިލްވާ ކަމަށް މިނިސްޓްރީގެ ރިޕޯޓު ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސާވޭގެ ރިޕޯޓު ބުނާ ގޮތުން ރާއްޖޭގެ ޓްރާންސްފާގެ ފެންވަރާ މެދު ގިނަ ޓޫރިސްޓުން ހިތްހަމަޖެހުނު ނަމަވެސް އެކަމަށް ހޭދަވާ ވަގުތު ކުޑަ ކުރަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުންދެކެ އެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 46 ޕަސެންޓް މީހުން އެކޮމަޑޭޝަން އަގު ބޮޑު ކަމަށް ބުނާ އިރު އަދި ޑްރިންކާއި އަލްކަހޯލްގެ އަގު ބޮޑު ކަމަށް 42 ޕަސެންޓް މީހުން ބުނެފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓު ބުނެ އެވެ. އަދި ހަމައެހެންމެ ކާބޯތަކެއްޗާއި ފެނާއި ސްވެނިއާގެ އަގު ބޮޑުކަމަށް 41 ޕަސެންޓް މީހުން ބުނެފައިވާ ކަމަށް ވެސް އެ ރިޕޯޓުން ބުނެ އެވެ.
އެ ސާވޭގައި ރާއްޖެ އަށް މީހުން އަންނަނީ ރާއްޖެ އަކީ ހިތްފަސޭހަ، އެއްވެސް ހަމަނުޖެހުމެއް ނެތް، ހިތްގައިމު މާހައުލަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. އަދި ހިދުމަތްތައް ވަރަށް ރަނގަޅު ކަމަށް 53 ޕަސެންޓް މީހުން ބުނެފައިވާ ކަމަށާއި އެމީހުން ރާއްޖެއާ މެދު ދެކެނީ ދުނިޔެމަތީ "ސުވަރުގެއެއް" ފަދަ ތަނެއް ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.