28 Aug 2020, 19:40
ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޒާހަރާ ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިދިކޮޅުން ވަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ގައުމު ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ މުޒާހަރާކޮށްފައެެވެ.
ފުލުހުން މިރޭ ބުނީ، މިއަދު މުޒާހަރާގައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރުވުމާއި މާސްކު ނާޅާ އުޅެފައިވާކަން އެ މުއްސަސާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލުންދާ ކަމަށް ފުލުހުން ބުންޏެވެ.
"މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން މިސަރވިސްއަށް ފާހަގަކުރެވިފައިވޭ. މިކަމާއި ގުޅިގެން މިސާރވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް މިސަރވިސްއިން އަޅަމުން ގެންދާނަން،" ފުލުހުން މީޑީއާތަކަށް ފޮނުވި ކުރު މެސެޖްގައި ބުނެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ނުދެއްވައެވެ.

އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ---
މާލެ ސަރަހައްދުގައި ހަތަރަކަށްވުރެ ގިނަ މީހުން އެއްނުވުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި މާލޭގައި ބޭރުގައި އުޅޭއިރު، މާސްކު އަޅަންވެސް ވަނީ މަޖުބޫރުކޮށްފައެވެ. އެހެން ނަމަވެސް މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާގައި ގިނަ އަދަދަކަށް މީހުން އެއްވެ، ގައިދުރުކަމެއް ނެތި އަދި ބައެއް މީހުން މާސްކުވެސް ނާޅާ ތިބި މަންޒަރު ފެނުނެވެ.
މީގެ ކުރިން ފުލުހުންވެސް ވަނީ މިފަދަ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެހެން ނަމަވެސް މިއަދުގެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި ނުވެއެވެ.
މާލޭގައި ދުވާލެއްގެ މައްޗަށް 100އަށް ވުރެ ގިނަ ކޭސް ފެންނަމުންދާއިރު، މި ދަނޑިވަޅުގައި ގައިދުކަމެއްނެތި ގިނަ ބަޔަކު އެތަނަށް ޖަމާކޮށް މުޒާހަރާ ކުރުމުން ބައެއް ފަރާތްތަކުން ދަނީ އިދިކޮޅަށް ފާޑުވެސް ކިޔަމުންނެވެ.