މިއަދުގެ ސަރުކާރުން ރައްޔިތުންގެ ކަންކަން ކުރުމުގައި ވަނީ ނުކުޅެދިފައި ކަމަަށް ބުނެ މި ސަރުކާރަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިގޮތަށް ވިދާޅުވީ، އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި "ގައުމު ވިއްކާލުމާ ދެކޮޅަށް" ސައިކަލު ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ބޭއްވި އެއްވުމުގައެވެ.

ވަހީދު ވިދާޅުވީ، ކޮވިޑްގެ ބަލި ފެތުރިފައިވާ މި ދަނޑިވަޅުގައި ރައްޔިތުނަށް ދިމާވެފައިވަނީ ވަރަށް ނިކަމެތި ހާލެއް ކަމަށާއި، އެ ރައްޔިތުންގެ ކަންކަން ކުރުމަށް ސަރުކާރު ނާގާބިލުވެފައިވާ ކަމަށެވެ. އަދި މުޒާހަރާއަށް ރައްޔިތުން ނުކުތުމުން އެކަން ވަރަށް ރަނގަޅަށް ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ނިކަމެތިވި ވަގުތުގައި މި ފެންނަމުން ދަނީ ސަރުކާރުން އަދާކުރަން ޖެހޭ ވާޖިބު އަދާ ނުކުރެވޭތަން. ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ނުކުރެވޭތަން. އެކަންކަން ކުރުމަށް ސަރުކާރު މިއަދު ވަނީ ނާގާބިލުވެ، ނުކުޅެދިފައި،" ގައިދުރުކަމެއް ނެތި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ ފަރާތުންވެސް ފެނުނީ ސަރުކާރާމެދު ރައްޔިތުންގެމެދުގައި އޮތް ނުތަވަސްކަމާއި ކަންބޮޑުވުން ކަމަށެވެ.

އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން: ގިނަ ބަޔަކު ވަނީ މި މުޒާހަރާގައި ބައިވެރިވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ކޯލިޝަންގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ވަހީދު ވިދާޅުވީ، މިއަދު މުޒާހަރާގެ ބައިވެރިވި ޒުވާނުންވެސް ބުނަމުން ދަނީ "އިނަފް އިޒް އިނަފް" ކަމަށެވެ. އެ ރައްޔިތުން ބުނަމުން ދަނީ ދެން އިތުރަށް ކެތް ނުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ސަރުކާރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"ފެނިގެން މިދަނީ، ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަތަން. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވިތަން. އޭގެ ހިތްހަމަ ނުޖެހުން މިއަދު އަޅުގަނޑުމެން މިތަނުގައި ފާޅު މިކުރީ،" ފުރަތަމަ ފަހަރަށް އިދިކޮޅުގެ މަގުމަތީ ހަރަކާތެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ކުރީގެ ރައީސް ވަހީދު ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ވަނީ ބައިވެރިވައެވެ. މިއީ ފަހުގެ ތާރީހެއްގައި އިދިކޮޅުން ބޭއްވި ހަރަކާތެއްގައި ގިނަ އަދަދަކަށް މީހުން ބައިވެރި ފުރަތަމަ ފަހަރެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ވަނީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ހިނގާލުމާއި އެއްވުން ބާއްވާފައެވެ.

އެޗްޕީއޭގެ އެންގުމާ ހިލާފާށް އިދިކޮޅުން މުޒާހަރާ ބޭއްވި މާއްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް ގައިދުކަމެއް ނެތް މާސްކް ނާޅާ މީހުން އުޅުނުކަން އެ މުއައްސަސާއަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.