ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ގައުމު ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކޮށްފިއެވެ.

އިދިކޮޅުން މުޒާހަރާ އެއް ބޭއްވުމަށް އިއުލާން ކުރީ، މާލެ ހިމޭނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މުޒާހަރާ ކުރުމަށެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބައިވެރިވުމާއެކު މާލޭގައި ކުރިއަށް ގެންދިޔައީ ސައިކަލު ބުރެކެވެ. އަދި ބައެއް އެހެން ރަށްތަކުގައިވެސް ވަނީ ހިނގާލުމާއި އެއްވުންތައް ބާއްވާފައެވެ.

މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، މި ސަރުކާރު ފެއިލް ވެއްޖެ ކަަމަށާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށެވެ. އަދި މި ދަނޑިވަޅުގައި ގައުމަށް ކުރިމަތިވެފައިވާ ހުރިހާ ކަމެއްގެ ހައްލަކީ، މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލައްލާފައިވާ އަދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ކަމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާ ދެކޮޅަށްވެސް އަޑު އުފުލާފައިވެއެވެ. އަދި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށްވެސް އިދިކޮޅުން ވަނީ އަޑު އުފުލާފައެވެ.

މާލޭގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. އެގޮތުން ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވެފައެވެ.

އިދިކޮޅުން މުޒާހަރާ ބާވާފައި މިވަނީ، އެޗްޕީއޭ އިން ހަތަރު މީހުންނަށްވުރެ ގިނައިން އެއްނުވުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ފުލުހުންވެސް ވަނީ މި ދަނޑިވަޅުގައި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް މިއަދުގެ އެއްވުމަށް ފުލުހުން ހުރަސް އަޅާފައި ނުވެއެވެ.

މާލޭގައި ދުވާލެއްގެ މައްޗަށް 100އަށް ވުރެ ގިނަ ކޭސް ފެންނަމުންދާއިރު، މި ދަނޑިވަޅުގައި ގައިދުކަމެއްނެތި ގިނަ ބަޔަކު އެތަނަށް ޖަމާކޮށް މުޒާހަރާ ކުރުމުން ބައެއް ފަރާތްތަކުން ދަނީ އިދިކޮޅަށް ފާޑުވެސް ކިޔަމުންނެވެ.