28 Aug 2020, 18:28
ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މާޗު މަހުގެ 19 އަށްފަހު ތާރީހެއްގައި ހަމަވެފައިވާނަމަ ވިސާގެ މުއްދަތު އިތުރު ނުކޮށް ފުރާ ބަނދަރުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަން އިން މިއަދު ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުފުރިފައިވާ ބިދޭސީންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އެގޮތުން ޓުއަރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވާ ފަރާތްތަކުގެ ތެރެއިން ވިސާ ހަމަވެފައިވާ ފަރާތްތަކަށް ވިސާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު ވާނީ ހަމަޖެހިފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ނަމަވެސް އެ އިންތިޒާމުގެ ދަށުން ބިދޭސީންނަށް ފުރޭނީ އެޕްލިކޭޝަން ފޮ އިމަރޖެންސީ ޑިޕާޗާ ފޯމް ފުރުމަށްފަހު އިމިގްރޭޝަނަށް ހުށަހަޅައިގެންނެވެ.
ބިދޭސީން ފުރުމުގެ ކުރީން އޮންލައިންކޮށް ހެލްތު ޑިކްލެރޭޝަން ފޯޯމު ފުރަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އިމާޖެންސީ ފޯމު ފުރައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު މަހުގެ 31 ކަމަށެވެ.
ކޮވިޑް-19ގެ ދަނޑިވަޅުގައި މަސައްކަތް ކުރަމުންދަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންކަމުން ކުންފުންޏެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ވިސާ ކަންކަން ފަހަށް މަޑު ނުކޮށް ގަވާއިދުން ފުރިހަމަ ކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.