މިއަދު މެންދުރު ކައްދޫން ފުރައިގެން މާލެ އައި އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓެއްގެ ލޭންޑިން ގިއަރު އިންޑިކޭޓާއެއް ކޮކްޕިޓަށް ފާހަގަ ކުރެވި، ޓަވަރަށް ރިޕޯޓްކޮށް ޖައްސައިފި އެވެ.

ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއީ އެހާ ސީރިއަސް މައްސަލައެއް ނޫން ކަމަށާއި އަދި ބޯޓް ފަސިންޖަރުންނާ އެކު ޖެއްސީ ވަރަށް އޮމާންކޮށް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިވިލް އޭވިއޭޝަން ގަވާއިދު ބުނާ ގޮތުން ކިތަންމެ ކުޑަ ކަމެއް ހިނގިޔަސް، ޓަވަރަށާއި ސިވިލް އޭވިއޭޝަނަށް ރިޕޯޓް ކުރަން ޖެހޭނެތީ އެގޮތުން ޕައިލެޓް ރިޕޯޓް ކުރީ ކަމަށެވެ.

ބޯޓް ޖެއްސި އިރު، ލޯކަލް ސްޓޭންޑްބައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ އިމަޖެންސީކޮށް ޖެއްސީ ނޫން ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހައިރު ވެސް ވިދާޅުވީ އެއީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ.