ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީ އިން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުއާހަދާއިން އޮގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 18) ގައި، ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު އަދި ކަޅު ބަޓު އެ މުއާހަދާގެ ޖަދުވަލު ދޭތް ގައި ހިމެނުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.

އިއުލާނުގައި ބުނީ މިއަދުން ފެށިގެން (28 އޮގަސްޓް 2020) މި ދެ ބާވަތުގެ ހުއިފިލަނޑާއަކީ ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭތްގައި ހިމެނޭނެ ދެބާވަތް ކަމަށެވެ.

ސައިޓީސްގެ ޖަދުވަލުދޭތް ގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފިނަމަ، އެ ބާވަތެއް ވިޔަފާރި އުސޫލުން އެއްގައުމުން އަނެއްގައުމަށް ގެންދެވޭނީ، އެކްސްޕޯޓުކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓަކާއެކުގައި ކަމަށާއި މެނޭޖްމަންޓް އޮތޯރިޓީއަށް ސައިޓީސް ޕާމިޓް ދޫކުރެވޭނީ އެކްސްޕޯޓް ކުރާ ގައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ"އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" (އެންޑީއެފް) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން، މެނޭޖްމަންޓް އޮތޯރިޓީ އަށް އެންގުމުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ސައިންޓިފިކް އޮތޯރިޓީއިން ހަދާ އެންޑީއެފް އަކުން އެބާވަތުގެ ދިރޭތަކެތީގެ ނަގާ މިންވަރުގެ ސަބަބުން އެ ބާވަތެއްގެ އާބާދީއަށް ގެއްލުންތަކެއް ވާކަމަށް ދައްކާނަމަ، އެބާވަތެއް އެކްސްޕޯޓް ކުރުމަށް ސައިޓީސް ޕާމިޓް ދޫކުރުމަކީ މެނޭޖްމަންޓް އޮތޯރިޓީއަށް ކުރެވޭނެކަމެއް ނޫން ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ދެބާވަތުގެ ހުއިފިލަނޑާ ޖަދުވަލު ދޭތް ގައި ހިމެނުމަށް ސައިޓީސް މުއާހަދާއިން ފާސްކުރުމާ ގުޅިގެން ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު އިން ވަނީ އެދެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ހިއްސާކޮށްފައި ކަމަށާއި މިދެބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި މިހާރު ކުރާ މިންވަރުން އެދެބާވަތުގެ އާބާދީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް އެންޑީއެފް އިން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިންމުމާއި ގުޅިގެން މިއަދުން ފެށިގެން ނަގާ (ހާވެސްޓްކުރާ) ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް ދޫުކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޏެވެ.

އަދި މި ދެ ބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓް ދޫކުރަން ފަށާނީ އެ ދެބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއް ކަމަށް ސައިންޓިފިކް އޮތޯރިޓީއިން ތައްޔާރުކުރާއެންޑީއެފް އަށް ރިއާޔަތްކޮށް، އެ މިނިސްޓްރީއަށް އެންގުމުން ކަމަށްވެސް ބުންޏެވެ.