ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިންނަވައިފި އެވެ.

އެމްޑީޕީ އިން މިއަދު ބުނެފައި ވަނީ ނަޝީދު މިއަދު ފުރާވަޑައިންނަވާފައި ވަނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތަށް ވަޑައިންނެވި ސަބަބެއް އެމްޑީޕީ އަކުން ނުބުނެ އެވެ.

މަޖިލީސް ރައީސް ނަޝީދުގެ ދަތުރުފުޅަށް ފަހު ރާއްޖެ އެނބުރި ވަޑައިންނަވާނެ ދުވަހެއް ވެސް ނުބުނެ އެވެ.

ނަޝީދު އެންމެ ފަހުން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިންނެވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ފެބްރުއަރީ މަހު މަޖިލީސް ރައީސް ވަޑައިންނެވީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގަ އެވެ.

އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިންނެވިއިރު މަޖިލީހުގެ ދައުރެއް ނުނިމެ އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ޖަލްސާތައް މިހާރު ކުރިއަށްދާއިރު އިއްޔެ ޗުއްޓީއަށް ދިޔުމަށް މީގެކުރީން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް އެންމެ ފަހުން ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. އެއަށް ފަހު ދެން މަޖިލީސް ޗުއްޓީއަށް ދިޔުމަށް ފަހު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގަ އެވެ.